News
"ކިކް އައުޓް ކޮރޯނާވައިރަސް" ގެ ނަމުގައި ކެމްޕޭނެއް ފަށައިފި
24 މާރިޗު 2020
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި ފީފާއިން ގުޅިގެން "ކިކް އައުޓް ކޮރޯނާވައިރަސް" ގެ ނަމުގައި އާންމުން ހޭލުންތެރިކުމުގެ ކެމްޕޭނެއް އިފްތިތާހުކޮށްފިއެވެ.
މި ކެމްޕޭނުގެ ދަށުން އެކުލަވާލާފައިވާ ވަޓްސްއެޕް ގުރޫޕެއް މެދުވެރިކޮށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ތަފާތު މެސެޖްތައް ފޮނުވަމުންގެންދާނެއެވެ. އެ ވަޓްސް އެޕް ގްރޫޕަށް 10 މިލިއަނެއްހާ މީހުން ގުޅިފައިވާއިރު އެ ގުރޫޕާއި ވީހާވެސް ގިނަ ބަޔަކު ގުޅުމަށް ފީފާ އާއި ޑަބްލިއު އެޗްއޯއިން ވަނީ ގޮވާލާލާފައެވެ.
"ކިކް އައުޓް ކޮރޯނާވައިރަސް" ކެމްޕޭނަށް ހާއްސަ ވަޓްސްއެޕް ގުރޫޕާއި ޖޮއިން ކުރެވޭނީ +41225017655 މި ފޯނު ނަމްބަރަށް "އިނގިރޭސިބަހުން "ހައި" ޖަހާލުމުން ކަމަށް ފީފާ އިން ބުނެއެވެ.
މި ކެމްޕޭނުގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ވީޑިއޯ މެސެޖްތައްވެސް ހިމެނެއެވެ. އޭގެތެރޭގައި ބާސެލޯނާގެ ލިއޮނަލް މެސީ އާއި ލިވަޕޫލްގެ ގޯލްކީޕަރ އެލިސަން އާއި އިންގްލޭންޑް ޓީމްގެ ކުރީ ކެޕްޓަން އާއި ވޯލްޑްކަޕްގެ ސެމީ ފައިނަލިސްޓް ގެރީ ލިނެކާ ފަދަ ފުޓްބޯޅަ ތަރިން މެދުވެރިކޮށްދޭ ހޭލުންތެރިކުރުމުގެ ވީޑިއޯތައް ހިމެނެއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ކޮރޯނާވައިރަސް ފެތުރުނު ނުދިނުމަށްޓަކައި ޗަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ 5 ކީ ސްޓެޕް އާއި އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަށްވެސް ގޮވާލައްވާ ކަމަށެވެ. އެ ފަސް ކަމަކީ ގިނައިން އަތް ދޮވުމާއި ކެއްސާއިރު އަނގަމަތި ނިވާކުރާނެ ގޮތާއި މޫނުގައި އަތްނުލުމާއި ސޯޝަލް ޑިސްޓެންސިން އާއި ބަލިވެއްޖެނަމަ ގޭގައި މަޑުކުރުމަށް ދީފައިވާ އިރުޝާދެވެ.
ކެމްޕޭނާއި ގުޅޭ މައުލޫމާތު ދިނުމަށް ހޯމަދުވަހު ބޭއްވި ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ވިދާޅުވީ ކެމްޕޭން ލޯންޗް ކުރިތާ ހަތަރު ދުވަހުގެ ތެރޭގައި ޑަބްލިއުއެޗްއޯގެ ވަޓްސްއެޕް ހެލްޕްލައިނާ 10 މިލިއަން މީހުން ގުޅިފައިވާކަމަށެވެ.
މިވަޓްސްއެޕް ގުރޫޕަކީ ކަށަވަރު ސައްހަ މައުލޫމާތާއި އެންމެ ފަހުގެ ސިއްހީ މައުލޫމާތާއި އިރުޝާދުތައް އަމިއްލަ މޯލްބައިލްފޯނުތަކަށް ފޮނުވައިދޭ ގްރޫޕެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ގްރޫޕް މެދުވެރިކޮށް ބައިވެރިންގެ ސުވާލުތަކަށް ޖަވާބުވެސް ލިބޭނެއެވެ. އަދި ކޮރޯނާވައިރަސް އިން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތުވެސް ލިބޭނެއެވެ.
މި ގްރޫޕުން މައުލޫމާތު ފޯރުކޮށްދޭނީ އިނގިރޭސި ބަހުންނެވެ. އެހެންނަމަވެސް އަރަބި، ފަރެންޗް، އަދި ސްޕެނިޝް ބަހުންވެސް މައުލޫމާތު ފޯރުކޮށްދިނުމަށް މިހަފްތާތެރޭގައި މަސައްކަތްކުރާނެއެވެ.
އަދި ޗައިނީޒް އާއި ރަޝިއަން ބަހުގެ ވާޝަންތައްވެސް ތައްޔާރުކުރުމަށް ވަނީ ނިންމާފައެވެ.