News

އޮލިމްޕިކް ގޭމްސް 2021 އަށް ފަސްކުރަނީ

24 މާރިޗު 2020






ކޮރޯނާވައިރަސްގެ ސަބަބުން މިއަހަރުގެ އޮލިމްޕިކް ގޭމްސް 2021 އަށް ފަސްކުރާނެ ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ މެންބަރު ޑިކް ޕައުންޑް ވިދާޅުވެއްޖެއެވެ. 

 

އޭނާ މިހެން ވިދާޅުވީ އިނގިރޭސިވިލާތުން ޓޯކިޔޯއަށް އޮލިމްޕިކް ގޭމްސްގެ ބައިވެރިން މިއަހަރު ނުފޮނުވުން އެކަށީގެންވާ ކަމަށް ބްރިޓިޝް އޮލިމްޕިކް އެސޯސިއޭޝަންގެ ޗެއާމަން ވިދާޅުވުމުންނެވެ.

 

އޮސްޓްރޭލިއާ އާއި ކެނެޑީއިންވެސް ވަނީ އެދެގައުމުގެ އެތްލީޓުން އޮލިމްޕިކް ގޭމްސް އަށް މިއަހަރު ނުފޮނުވާނެ ކަމަށް ބުނެފައެވެ. އަދި އެދެގައުމުންވެސް ތައްޔާރުވާނީ އަންނަ އަހަރަށް ކަމަށް ދެގައުމުން ބުނެފައިވެއެވެ.

 

އައިއޯސީގެ މެންބަރު ޕައުންޑް ވިދާޅުވީ އައިއޯސީއަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި އޮލިމްޕިކް ގޭމްސް ފަސްކުރުމަށް ނިންމައިފި ކަމަށެވެ. 

 

އެހެންނަމަވެސް ދެން 2021 ގައި އޮލިމްޕިކް ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައެޅީ ނޫން ކަމަށާއި، މިހާރު 24 ޖުލައިގައި އޮލިމްޕިކްސް ނުފަށާނެކަމަށް ޕައުންޑް ވިދާޅުވިއެވެ. 

 

އޮލިމްޕިކްސް ފަސްކުރާނެ ތާރީހެއް ކަނޑައެޅުމަށް އައިއޯސީން އަމިއްލައަށް ވަނީ އެ އިދާރާއަށް 4 ހަފުތާގެ މުހުލަތެއްދީފައެވެ. އެހެންކަމުން 2021 އަށް އޮލިމްޕިކްސް ފަސްކުރިކަން އައިއޯސީން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ޕައުންޑް ވިދާޅުވިއެވެ. 

 



Leave a Comment:

Comments will be published after moderation.