News
އޮލިމްޕިކްސް ފަސްކޮށް އާ ތާރީހެއް ކަނޑައަޅަނީ
23 މާރިޗު 2020
އޮލިމްޕިކް ގޭމްސް "ޓޯކިޔޯ 2020" ފަސްކޮށް ހަތަރު ހަފުތާ ފަހުން އާ ތާރީހެއް ކަނޑައެޅުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމައިފިއެވެ.
އާދިއްތަ ދުވަހު އައިއޯސީގެ އެގްޒެކެޓިވް ބޯޑުން ބޭއްވި ބައްދަލުވުމަކަށްފަހު އެ ކޮމިޓީން ބުނީ އެކި ގައުމުތަކުގެ އޮލިމްޕިކް ކޮމިޓީ ތަކާއި ގޭމްސްގެ ބައިވެރިންގެ ފަރާތުން ގޭމްސް ފަސްކޮށްދިނުމަށް އެދެމުންދާތީީީ "ޓޯކިޔޯ 2020" ފަސްކުރުމަށް ނިންމާ އާ ތާރީހެއް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.
ކޮރޯނާވައިރަސްގެ ސަބަބުން މުޅި ދުނިޔޭގެ ކުޅީވަރު ހަރަކާތްތަށް ހުއްޓުމަކަށް އައިސްފައިވާއިރުވެސް ޖަޕާނުގައި މިއަހަރުގެ ޖުލައިން އޮގަސްޓަށް ބާއްވާ އޮލިމްޕިކް ގޭމްސް ފަސްނުކުރާނެ ކަމަށް ޖަޕާނާއި އައިއޯސީން ތަކުރާރުކޮށް ބުނެފައިވާތީ އިއްޔެއާ ހަމައަށް އެ ކޮމިޓީއަށް އައީ ފާޑުކިއުންތައް އަމާޒުވަމުންނެވެ.
އަދި ޔޫރަޕްގެ ގައުމުތަކުގެ އޮލިމްޕިކް ހަރަކާތްތައް އިންތިޒާމް ކުރާ ޖަމްއިއްޔާތަކުންނާއި އޮލިމްޕިކްސްގެ ބައިވެރިންނާއި ކުރީގެ ޗެމްޕިއަނުންވެސް އެދެމުން އައީ ކޮރޯނާ ވއިރަސްގެ ވަބާ މުޅި ދުނިޔެއަށް ފެތުރިފައިވާ މި ދަނޑިވަޅުގައި ގޭމްސް ފަސްކޮށްދިިނުމަށް އެދެމުންނެވެ.
އެހެންކަމުން އާދިއްތަ ދުވަހު އެގްޒެކެޓިވް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ގިނަ ބައެއްގެ އެދުމުގުެ މަތިން "ޓޯކިޔޯ 2020" ފަސްކުރުމަށެވެ.
މިއަހަރުގެ އޮލިމްޕިކް ގޭމްސް އަށް ޖަޕާނުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގައުމުން ހޯސްޓް ކުރާ މި ގޭމްސްއަށް މިއަހަރު ވަނީ ތިމާވެއްޓާ ރައްޓެހި ތީމެއްވެސް ކަނޑައަޅާފައެވެ. އެހެންކަމުން މުބާރާތްތަކުން ވަނަތައް ހޯދާ ފަރާތްތަކަށް ދޭ މެޑަލްތަކާއި އޮލިމްޕިކް ދަންމަރު ނުވަތަ ޓީޗް ވެސް ތައްޔާރުކޮށްފައިވަނީ އުުކާލާފައިވާ ކުނިބުނި ބޭނުން ކޮށްގެންނެވެ. އަދި މުބާރާތްތައް ހިނގަމުންދާއިރު ބޭނުން ކުރާ ޕޯޑިއަމްތަކާއި އިވެންޓްތަކަށް އަންނަ އޮފިޝަލުންނާ ބައިވެރިން ނިދާ އެނދުތައްވެސް ތައްޔާރު ކުރަނީ ކުނިބުނި ރީސައިކަލްކޮށްގެންނެވެ.