News
އޮލިމްޕިކްސް ފަސްކުރަން ޖެހޭ: ޔޫކޭ އެތްލެޓިކްސް ޗެއާމަން
21 މާރިޗު 2020
ޖުލައި މަހު ޖަޕާނުގައި ފަށަން ހަމަޖެހިފައިވާ "ޓޯކިޔޯ 2020" ކޮރޯނާވައިރަސްގެ ސަބަބުން ފަސްކުރަން ޖެހޭކަމަށް ޔޫކޭ އެތްލެޓިކްސްގެ އާ ޗެއާމަން ނިކް ކަވަޑް ވިދާޅުވެއްޖެ އެވެ.
އޮލިމްޕިކްސް ޕަސްކުރުމަށް އޭނާ ގޮވާލައްވާފައި މިވަނީ 24 ޖުލައި 24 އިން 9 އޮގަސްޓަށް ޓޯކިޔޯގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރުތައް ފަސްނުކުރާނެ ކަމަށް ޖަޕާނާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ބުނެފައިވާތީ އިންތިޒާމު ކުރާ ފަރާތަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.
އަދި ޔޫކޭގައި އޮލިމްޕިކްއަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ފަރިތަކުރުންތައް ކެންސަލްކޮށްފައިވަނިކޮށެވެ.
ޔޫކޭގެ އިތުރުން ނޯވޭއާއި ސްލޮވީނިއާއިންވެސް ވަނީ އޮލިމްޕިކް ގޭމްސް ފަސްކޮށްދިނުމަށް އެދި އައިއޯސީ އަށް ހުށަހަޅާފައެވެ. އެދެގައުމުން އެދިފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވި އާންމު ހާލަތަކަށް އަންނަންދެން އޮލިމްޕިކްސް ފަސްކޮށްދިނުމަށެވެ.
އައިއޯސީގެ ރައީސް ތޯމަސް ބެޗް ވިދާޅުވީ "ޓޯކިޔޯ 2020" އަށް ތަފާތު ހާލަތެއް އައިސްފާނެ ކަމަށް ފުރަތަމަ ފަހަރަށް ބެލެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮމިޓީން މިހާތަނަށް އޮލިމްޕިކްސް ގޭމްސް ފަސްކުރުމާއި މެދު ގޮތެއް ނިންމާފައެއް ނުވެއެވެ.
ކޮވިޑް-19 ޖެހިފައިވާ 275,469 މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިތިބި އިރު މި ބަލިމަޑުކަމުގެ ވަބާއިން ދުނިޔެ މިންޖުނުވަނީސް ޝެޑިއުލާއި އެއްގޮތަށް އޮލިމްޕިކްސް ބާއްވާނެ ކަމަށް އައިއޯސީން ބުނެފައިވާތީ އޮލިމްޕިކްސްގައި ބައިވެރިވާ ފަރާތްތަކުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެއެވެ. އަދި ގޭމްސް ފަސްކޮށްދިނުމަށް ގޮވާލަމުންނެވެ.
ވޯލްޑް އެތްލެޓިކްސްގެ ރައީސް ލޯޑް ކޯ ވިދާޅުވީ އޮލިމްޕިކްސް ބާއްވަން ހަމަޖެހިފައިވާ ތާރީހުގައި ބާއްވާނެތޯ ނުވަތަ ފަސްކުރާނެތޯ އާއި މެދު އޮގަނައިޒަރުން ފައިނަލް ނިންމުން ނިންމަން އަދި މާ އަވަސް ކަމަށެވެ.
ޝެޑިއުލާއި އެއްގޮތަށް އޮލިމްޕިކް ގޭމްސް ބޭއްވުމާއި މެދު ހިޔާލުތަފާތުވުންތައް ގިނަ މިދަނޑިވަޅުގައި އައިއޯސީ އާއި ޓޯކިޔޯ 2020ގެ އޮފިޝަލުން ކުރިން ބުނެފައިވަނީ މޭ މަހު ވަކިގޮތެއް އިއުލާނު ކުރާނެ ކަމަށެވެ.