News
އިނގިރޭސި ޕްރިމިއާލީގު ފެށުން އަނެއްކާވެސް ފަސްކޮށްފި
19 މާރިޗު 2020
ކޮވިޑް-19 ގެ ނުރައްކާތެރިކަން ބޮޑުވުމުގެ ސަބަބުން މެދުކަނޑާލި އިނގިރޭސި ޕްރިމިއާލީގުގެ މެޗުތައް ފެށުން އަނެއްކާވެސް ފަސްކޮށްފިއެވެ.
އިނގިރޭސި އޭފްއޭއިން މިއަދު ކްލަބުތަކާއެކު ބޭއްވި ވީޑިއޯ ކޮންފަރެންސިން ބައްދަލުވުމަކަށް ފަހުން ނިންމީ އޭފްރީލު މަސް ނިމުމުން ފުޓްބޯޅަ ސީޒަން ފެށުމަށެވެ. އިނގިރޭސި ޕްރިމިއާ ލީގާއި ދެވަނަ ޑިވިޝަނުގެ މެޗުތައް ކުރިން މެދު ކަނޑާލީ އަންނަ މަހުގެ ހަތަރެއްގެ ނިޔަލަށެވެ. ޕްރިމިއާ ލީގު މެދު ކަނޑާލީ އާސެނަލްގެ ކޯޗު މިކޭޅް އާޓެޓާއި ޗެލްސީގެ ޒުވާން ތަރި ކަލުމް ހަޑްސަން-އޮޑޯއި އަށް ކޮވިޑް-19 ޖެހިގެންނެވެ.
މިހާރު ނިންމާފައިވަނީ އިނގިރޭސި ޕްރިމިއާ ލީގާއި ދެވަނަ ޑިވިޝަން އަދި ތިންވަނަ ޑިވިޝަނާއި ވިމެންސް ސުޕަ ލީގު މެއި މަހުން ފެށިގެން ކުރިޔަށް ގެންދާ ގޮތަށެވެ.
އިނގިރޭސި ފުޓްބޯޅަ ސީޒަން ޖޫން އެކަކަށް ނިންމަން ގާނޫނުގައި ބުނެފައި އޮތަސް މިވަގުތު މުބާރާތްތައް ފަސްކޮށްފައިވާތީ އެ ތާރީހަށް ސީޒަން ނިންމައެއް ނުލެވޭނެ އެވެ. އެހެންކަމުން މިއަދު އެފްއޭއިން ނިންމީ މިފަދަ ހާއްސަ ހާލަތެއްގައި އެ ގަވާއިދަށް އަމަލު ނުކުރާނެ ކަމަށެވެ. އަދި ކްލަބުތަކުން ސީޒަން ނިންމުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެފްއޭއިން ބުނެފައިވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު އެއްކޮށް ނިންމާލުމަށް ސްޕޮންސަރުން ވަނީ ބާރު އަޅާފައެވެ. ސީޒަން އެއްކޮށް ނިންމާނުލެވިއްޖެނަމަ 1.5 ބިލިއަން ޑޮލަރުގެ ގެއްލުމެއްވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އިނގިރޭސި އެފްއޭ އިން ބޭނުންވަނީ ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުރިއަށްގެންދިމަށެވެ. އެހެންނަމަވެސް އެފަދަ މާހައުލެއް ނެތް ނަމަ ސަޕޯޓަރުން ނުވައްދާ މެޗުތައް ކުރިޔަށް ގެންދިއުމަށް އެފްއޭއިން ބާރުއަޅާނެ އެވެ.