News
ފީފާ ކްލަބް ވޯލްޑްކަޕް ފަސްކޮށްފި
19 މާރިޗު 2020
ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފީފާ ކްލަބް ވޯލްޑް ކަޕް ފަސްކޮށްފިއެވެ.
ޗައިނާގައި އަންނަ އަހަރު ބާއްވަން ނިންމާފައިވާ ފީފާ ކްލަބް ވޯލްޑް ކަޕް ފަސްކޮށްފައިވާއިރު މި މުބާރާތަކީ ކުރިން ބާއްވަމުން އައި އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ގިނަ ޓީމުތަކަށް ފުރުސަތު ދީގެން ބާއްވަން ނިންމާފައިވާ މުބާރާތެކެވެ.
ފީފާއިން މި މުބާރާތް ފަސްކުރަން ނިންމީ ބުދަ ދުވަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ކައުންސިލް ބައްދަލުވުމެއްގައެވެ . ފީފާއިން ބުނީ ދެން މުބާރާތް ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
ފީފާއިން މި ނިންމުން ނިންމާފައިވާތީ އަންނަ އަހަރަށް ޔޫރޯ އާއި ކޮޕާ އެމެރިކާ މުބާރާތް ފަސްކުރުމާއި ގުޅިގެން އެ މުބާރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
މިހާރު އެންމެ ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން އަންނަ ޔޫރަޕުން ވަނީ އެ ސަރަހައްދުގެ ސަރަހައްދީ މުބާރާތްތަކާއި ގައުމީ މުބާރާތްތައް ފަސްކޮށްފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގާއި، ޗެމްޕިއަން ލީގް، ޔޫރޯ2020 އަދި އިޓާލިއަން ލީގުވެސް ވަނީ މެދު ކަނޑާލާފައެވެ.
ކުޅިވަރުގެ ހުރިހާ ހަރަކާތެއް ދުނިޔޭގައި މަޑުޖެހިފައިވާ މި ދަނޑިވަޅުގައި ޔޫރަޕްގެ މަޝްހޫރު ބައެއް ކުލަބުތަކުގެ ފުޓްބޯލަ ކުޅުންތެރިންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި ބައެއް ކުލަބުތައް ވަނީ ކަރަންޓީނުކޮށްފައެވެ.