News
ޖަމްއިއްޔާތަކުގެ އަހަރީ ރިޕޯޓް ހުށަހެޅުން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި
19 މާރިޗު 2020
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ( ކޮވިޑް-19 ) ފެތުރެމުންދާތީ ޖަމްޢިއްޔާތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ މުއްދަތު ކުއްލި ޙާލަތު ނިމެންދެން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފިއެވެ.
ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޖަމްއިއްޔާތަކުގެ ރަޖިސްޓްރާ ލިބިދޭ ބާރުތަކުގެ ތެރެއިން 17 މާރިޗު 2020 ގެ ފަހުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރު މުއްދަތު ހަމަވާ ހިންގާ ކޮމެޓީތަކުގެ މުއްދަތު ކުއްލި ހާލަތުގެ ނިމެންދެން މުއްދަތެއް ނެތްގޮތަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމި އާންމު ހާލަތަށް ބަދަލުވުމުން 45 ދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓް އަދި ކުއްލި ނުރައްކަލުގެ ޙާލަތުގެ ދުވަސްވަރު މުއްދަތު ހަމަވާ ހިންގާ ކޮމެޓީތައް ހޮވުމަށް ފުރުސަތު ދެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި މުއްދަތުގެ ތެރޭގައި ގިނަމީހުން އެއްތަނަކަށް އެއްވެ ޖަމްޢިއްޔާތަކުން ހިންގާ ޕްރޮގްރާމްތައްވެސް މަޑުޖައްސާލުމަށް އެދޭ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ޖަމްޢިއްޔާތަކުން އެއްވެސް ލިޔެކިޔުމެއް ހުށަހަޅާނަމަ [email protected] އަށް އީ-މެއިލް ކުރުމަށް އެދޭ ކަމަށެވެ.