News
އެފްއޭ ކަޕް ބާކީ މެެޗުތައް ކުޅޭނެ ތާރީހެއް އަދި ނުންނިންމާ
18 މާރިޗު 2020
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަކި ގޮތެއް އަންގަންދެން އެފްއޭކަޕްގެ ތާވަލާ އެއްގޮތަށް ކުރިޔަށް ނުގެންދެވި ހުރި މެޗުތައްވެސް ވަނީ މެދުކަނޑާލާފައެވެ.
އެފްއޭއެމް އިން ބުނީ އެފްއޭ ކަޕްގެ ބާކީ މެޗުތައް ކުޅެވޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެންގުމުން ކަމަށެވެ.
އޭއެފް ކަޕް ފަސްވީ ސެމީފައިނަލްގެ ފުތަތަމަ މެޗަށް ޓީސީ ސްޕޯޓްސް ކްލަބަށް ނާދެވުމުންނެވެ. ޓީސީއަށް ނާދެވުނީ މިމަހުގެ 11 ވަނަ ދުވަހު ބަނގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި ދެކޮޅަށް އޭއެފްސީ ކަޕްގެ މެޗަށް ކުޅުމަށް ދިއުމާއި ގުޅިގެންނެވެ.
ޓީސީއަށް މާލެ ނާދެވުނީ ބަނގްލަދޭޝް އިން ރާއްޖެއަށް މީހުން އައުން މަނާކޮށްފައި އޮތުމުގެ ސަބަބުންނެވެ. ޓީސީ ކުޅުންތެރިންނަށް ރާއްޖެއަށް ނާދެވުމުން ދިޔައީ ސްރީލަންކާއަށެވެ. އަދި ސްޕޯޓްސް މިނިސްޓްރީން އަންގާފައިވާ ގޮތުގެ މަތިން ޓީސީން ވަނީ14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ސްރީލަންކާގައި މަޑުކޮށްފައެވެ.
އެފްއޭކަޕްގެ ފަސްވި މެޗުތައް ތާވަލުކުރާނީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައުމުން އެޗްޕީއޭގެ މަޝްވަރާގެ މަތިންނެވެ.
އެފްއޭކަޕްގައި ބާކީ އޮތީ ސެމީ ފައިނަލްގެ ދެ މެޗަކާއި ފައިނަލް މެޗެވެ.
ސެމީ ފައިނަލްގައި ޓީސީ ބައްދަލުކުރަން ޖެހެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ އާއި ކްލަބް އީގަލްސް އެވެ.
ކުރީގެ ތާވަލާ އެއްގޮތަށް އެފްއޭކަޕް ކުރިޔަށް ގެންދިޔަ ނަމަ މާދަމައަކީ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ދުވަހެވެ.