News

ކޮޕާ އެމެރިކާވެސް ފަސްކޮށްފި

18 މާރިޗު 2020






ކޮރޯނާވައިރަސްގެ ސަބަބުން ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކޮޕާ އެމެރިކާވެސް ފަސްކޮށްފިއެވެ. 

 

 ޖޫން އަދި ޖުލައިގައި ކޮލަމްބިއާއި އާޖެންޓީނާގައި ބާއްވާ ގޮތަށް ޝެޑިއުލްކޮށްފައިވާ ކޮޕާ އެމެރިކާ މުބާރާތް ފަސްކުރުމަށް، ދެކުނު އެފްރިކާގެ ފުޓްބޯޅަ ޖަމްއިއްޔާއިން ނިންމީ ޔޫރޯ2020 ފަސްކުރުމަށް ޔުއެފާއިން ނިންމުމާއި ގުޅިގެން ޔުއެފާއާއި މަޝްވަރާކުރުމަށްފަހުއެވެ. 

 

މިހާރު ނިންމާފައިވަނީ ޖޫން 11 އިން ޖުލައި 11 އަށް ކޮޕާ އެމެރިކާ މުބާރާތް ކުރިޔަށް ގެންދިއުމަށެވެ.  ކޮންމެބޯލް އިން ބުނީ މިއީ އުނދަގޫ ނިންމުމެއް ކަމަށާއި، އެހެންނަމަވެސް މުބާރާތް ފަސްކުރީ ކުޅުންތެރިންނާ ފުޓްބޯޅަ އާއިލާގެ ހުރިހާ އެންމެންގެ ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން ކަމަށެވެ

 

ކޮޕާ އެމެރިކާ މެދުކަނޑާލި އިރު ކޮލަމްބިއާގެ ސްޕޯޓްސް މިނިސްޓަރ އާނެސްޓޯ ލޫސޭނާ ވިދާޅުވީ އެބޭފުޅުން ތިއްބެވީ ކޮޕާ އެމެރިކާ މުބާރާތަށް ކެތްމަދުވެފައި ކަމަށެވެ. އެހެންނަމަވެސް މިހާލަތުގައި އެ މުބާރާތަށްވުރެ ބޮޑަށް އިސްކަންދޭން ޖެހޭނީ ސިއްހަތަށް ކަމަށެވެ. 

 

ޔޫރަޕްގައި ހަލުވިކަމާއި އެކު ކޮރޯނާވައިރަސް ފެތުރެމުން އަންނާތީ ބޮޑެތި ލީގުތަށް ވަނީ ފަސްކޮށްފައެވެ. ޔުއެފާގެ ކްލަބް މުބާާރާތްތަކާއި ފުޓްބޯޅަ މުބާރާތްތައް މިވަގުތު މެދުކަނޑާލާފައިވާއިރު ބައެއް ޓީމުތަކުގެ ކުޅުންތެރިން ވަނީ ބައްޔަށް ޕޮސިޓިވް ވެފައެވެ. އެހެންކަމުން ގިނަ ޓީމުތަކުގެ ކުޅުންތެރިންނާއި ސްޓާފުން މިވަގުތު ތިބީ ކަރަންޓީނުގައެވެ. 

 

ކޮރޯނާވައިސްގެ ހާލަތު ޔޫރަޕްގައި ހަމައަކަށް އެޅިއްޖެނަމަ މަޑުޖައްސާލާފައިވާ މުބާރާތްތައް އޭޕްރީލް ނުވަތަ ޖޫންގައި އަލުން ކުރިޔަށް ގެންގޮސް ލީގުތައް ނިންމާލުމަށް ވަނީ މަޝްވަރާކުރެވިފައެވެ. 

 



Leave a Comment:

Comments will be published after moderation.