News
އޮލިމްޕިކް ގޭމްސް އިސްވެރިން ޓެލެކޮންފަރެންސް މެދުވެރިކޮށް ބައްދަލު ކުރަނީ
16 މާރިޗު 2020
ޖަޕާނުގައި ބާއްވާ މިއަހަރުގެ އޮލިމްޕިކް ގޭމްސް ނުވަތަ "ޓޯކިޔޯ ގޭމްސް 2020" އަށް ކޮރޯނާ ވައިރަސްގެ ސަބަބުން ކުރާނެ އަސަރުތަކާއި ގުޅޭ މަޝްވަރާ ކުރުމަށް އޮލިމްޕިކް ގޭމްސް އިންތިޒާމު ކުރާ ފަރާތްތަކުން މަޝްވަރާ ކުރަން ނިންމައިފިއެވެ.
ޖަޕާނުގައި 24 ޖުލައި އިން ފެށިގެން 9 އޯގަސްޓްގެ ނިޔަލަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރުތަކަށް މަޑުޖެހުމެއް ނާންނާނެ ކަމަށް ޖަޕާނުން ބުނެފައިވަނިކޮށް އިންތިޒާމު ކުރާ ފަރާތްތަކުން ބައްދަލުން ބާއްވާނީ އަންނަ އަންގާރާ ދުވަހު ޓެލެކޮމްފަރެންސް މެދުވެރިކޮށެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރާނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ސަބަބުން އޮލިމްޕިކްސް ހަރަކާތްތަކަށް ކޮށްފާނެ އަސަރުތަކާއި ގުޅޭގޮތުންނެވެ.
މިދިޔަ ހޮނިހިރުދުވަހު ޖަޕާނުގެ ބޮޑުވަޒީރު ޝީންޒޯ އަބޭ ވަނީ ޓޯކިޔޯ ގޭމްސް އަށް ހުއްޓުމެއް ނާންނާނެ ކަމަށާއި މިހާރު ހަމަޖެހިފައިވާ ތާރީހުގައި ކުރިޔަށް ގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.
އޮލިމްޕިކް ގޭމްސްގެ ރަސްމިއްޔާތު ފެށުމުގެ ކުރިން ދިއްލާ އޮލިމްޕިކް ޓޯޗު މިދިޔަ ހަފްތާގައި ގްރީސްގައި ދިއްލާފައިވާއިރު އޮލިމްޕިކް ޓޯޗް ރިލޭ ޖަޕާނުގައި ފަށަން ހަމަޖެހިފައިވަނީ 26 މާޗުގައެވެ.
ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން މުޅިދުނިޔެއަށް ޖެހިފައިވާ މިދަނޑިވަޅުގައި ދުނިޔޭގެ ބޮޑެތި ކުޅިވަރު ހަރަކާތްތައް ވަނީ ފަސްކޮށްފައެވެ.
އަދި އޮލިމްޕިކްސް އަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ބައެއް ތަމްރީނުތައްވެސް ވަނީ ހުއްޓާލާފައެވެ.
އެމެރިކާގައިވެސް ވަނީ އޮލިމްޕިކް ޓްރަޔަލްސްތައް ފަސްކޮށްފައެވެ. އޭގެ ތެރޭގައި ރެސްލިން އާއި ރޯވިން އަދި ޑްރައިވިން ގެ ފަރިތަކުރުންތައ ްވަނީ މެދުކަނޑާލާފައެވެ.
އެހެންނަމަވެސް ލަންޑަންގައި އަންނަނީ އާންމުންނަށް ނުވަދެވޭހެން ބޮކްސިން އިވެންޓްތައް ޝެޑިއުލާ އެއްގޮތަށް ބާއްވަމުންނެވެ.