News
އެފްއޭމްގެ މުބާރާތްތަކާއި ޓްރޭނިންތައް ހުއްޓާލައިފި
15 މާރިޗު 2020
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ފުޓުބޯޅަ މުބާރާތްތަކާއި ޓްރޭނިންތައް މެދުކަނޑާލައިފި އެވެ.
އެފްއޭއެމް އިން މުބާރާތްތަކާއި ޓްރޭނިންތައް މެދުކަނޑާލީ ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އެ އިދާރާިއން ބުނެއެވެ.
ފުޓުބޯޅަ އިދާރާއިން މި ގޮތަށް ނިންމީ ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ކުޅިވަރު ކުޅޭ ތަންތަނާއި މީހުން އެއްވެ އުޅޭ ތަންތަން ބަންދުކުރުމަށް ސަރުކާރުން އަންގާފައިވާތީ އެވެ.
ބޯޅަ އެމްވީއަށް މައުލޫމާތުދެއްވި އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ މުބާރާތްތައް ބާއްވާނެ ތާރީހުތައް އަލުން ކަނޑައަޅާނީ ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި ހަމައަކަށް އެޅުމުން ކަމަށެވެ.
އެފްއޭއެމުން މިވަތު ބާއްވަމުން އަންނަ މުބާރާތަކީ އެފްއޭ ކަޕް އެކަންޏެވެ. މި މުބާރާތް ކުރިޔަށް ގޮސްފައިވާ ހިސާބަކީ ސެމީފައިނަލް ފެށުމާ ހަމައަށެވެ. މާދަމާ ސެމީ ފައިނަލްގެ މެޗުތައް ފެށުމަށް ކުރިން ހަމަޖެހިފައި އޮތް އިރު މާދަމާގެ މެޗުގައި ކުޅެން ޖެހޭ އެއް ޓީމު ޓީސީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންނާ އޮފިޝަލުން ތިބީ ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނުގައި ސްރީލަންކާގައެވެ.
ނޮކް އައުޓް އުސޫލުން ކުޅޭ މި މުބާރާތުގައި ޓީސީގެ މެޗު ކުޅެގެންނޫނީ މުބާރާތް ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތެވެ. އެހެންކަމުން އެ އެމުބާރާތް އޮތީ ފަސްވެފައެވެ.
ޓީސީއަށް ކަރަންޓީނުގައި ތިބެން ޖެހުނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗެއް ކުޅުމަށް ބަނގްލަދޭޝްއަށް ދިއުމުގެ ސަބަބުންނެވެ. އެ މެޗު ކުޅުމަށް ޓީސީގެ ކުޅުންތެރިން ބަނގްލަދޭޝްއަށް ދިޔަފަހުން ދިވެހިރާއްޖެއަށް ބަނގްލަދޭޝް އިން މީހުން އައުން ވަނީ މަނާކޮށްފައެވެ.
އެފްއޭއެމް އިން ހުރިހާ ހަރަކާތްތަކެއް ހުއްޓާލާފައިވާއިރު ހުރިހާ އެކަޑަމީތަކުގެ ހަރަކާތްތަކާއި އެފްއޭއެމްގެ ޓާފް ދަނޑުތައްވެސް ވަނީ ބަންދުކޮށްފައެވެ. އެފްއޭއެމުން ބުނީ އެ ތަންތަން ބަންދުކޮށް ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލަން ޖެހުނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދީފައިވާ ލަފާގެ މަތިން ކަމަށެވެ.
ކުރިން ޝެޑިއުލްކޮށްފައިވާ ބައެއް މެޗުތަކަށް ބަލާއިރު ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ ޗައިނާ އަދި ސީރިއާއާއި ދެކޮޅަށް މިމަހުގެ ފަހުކޮޅު ކުޅެން ހަމަޖެހިފައިވާ ދެ މެޗު ވަނީ ކޮވިޑް-19 ގެ ސަބަބުން ފަސްކޮށްފައެވެ.
މިސީޒަނުގައި އެފްއޭކަޕްގެ އިތުރުން ދެން އޮތީ ޕްރެޒިޑެންޓްސް ކަޕެވެ. އެ މުބާރާތްވެސް ފަސްވެފައިވާއިރު އެފްއޭއެމް އާއި ޔޫތްމިނިސްޓްރީ ގުޅިގެން ބާއްވަން ނިންމާފައިވާ ޖަޒިރާ ޗެމްޕިއަންޝިޕްވެސް ވަނީ ކޮޑިވް-19 އާއި ގުޅިގެން ފަސްކޮށްފައެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ގެ 13 ކޭސްއެއް ފެނިފައިވާރު ރާއްޖެއިން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ވައިރަސް ފެތުރޭ ގައުމުތަކުން މީހުން އައުންވެސް ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ. ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ސްޕެއިން، އިޓަލީ އަދި ބަނގްލަދޭޝްވެސް ހިމެނެއެވެ.