News

ހާލަތު ރަނގަޅު ނުވަނީސް ތަމްރީނުތައް ފަށައިފިނަމަ ހަޅުތާލު ކުރާނެ ކަމުގެ އިންޒާރު

15 މާރިޗު 2020






ކޮރޯނާވައިރަސްގެ ނުރައްކާތެރިކަމުގެ ހާލަތު އާންމު ހާލަތަކަށް އައުމުގެ ކުރިން ކްލަބުތަކުން ޓްރޭނިންއަށް ނިކުންނަށް ޕްރެޝަރު ކުރާނަމަ ހަޅުތާލުކުރާނެ ކަމުގެ އިންޒާރު އިޓަލީއަން ލީގުގެ ކުލަބުތަކުގެ މެޑިކަލް ސްޓާފުންނާއި އަދި ޕްލޭޔާސް އެސޯސިއޭޝަނުން ދީފިއެވެ.

 

އިޓާލިއަން ލީގުގެ ޗީފް މެޑިކަލް އޮފިޝަލް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން އިޓަލީގައި އިއުލާނުކޮށްފައިވާ ކުއްލި ހަލާތުން އަރައިގަނެވުމުގެ ކުރިން ތަމްރީނުތައް ނުފެށުމަށް ލަފާދޭކަމަށެވެ. 

 

ކުޅުންތެރިންގެ ފިޓްނެސް އެއްހަމައެއްގަިއ ހިފެހެއްޓުމުގެ ގޮތުން ކްލަބުތަކުން ތަމްރީނު ފަށަން ބޭނުންވެދާނެކަމަށް ބެލެވޭ މި ދަނޑިވަޅުގައި މިހާރުގެ ހާލަތުުން އަރައިނުގަނެވެނީސް ތަމްރީނުތައް ފަށައިފިނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅަން ތައްޔާރަށް އޮތް ކަމަށްވެސް  ބަޔާނުގައި ބުނެފައިވެއެވެ.

 

މިހާލަތުގައި އޮއްވާ އިޓަލީގެ ކްލަބްތަކުން ތަމްރީނުތައް ފަށައިފިނަމަ ބައެއް ކްލަބުތަކުގެ މެޑިކަލް ސްޓާފުން އިސްތިއުދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

 

އިޓަލީގެ ކުޅުންތެރިންގެ އެސޯސިއޭޝަނުންވެސް ވަނީ ތަމްރީނުތައް އަވަހަށް ފެށުމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ބަޔާނެއް ނެރެފައެވެ. އަދި ކުޅުންތެރިންނަށް ޕްރެޝަރު ކޮށްގެން ކޮވިޑް-19ގެ ހާލަތު ރަނގަޅު ނުވަނީސް ތަމްރީނުތައް ފެށުމާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް  ޕްލޭޔާސް އެސޯސިއޭޝަނުން ވަނީ އެކަމަށް ފާޑު ކިޔާފައެވެ. 

 

އިޓަލީގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ އެގައުމު ވަނީ ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ލޮކްޑައުން ކޮށްފައެވެ. 

 

 އިޓާލިއަން ލީގުގެ 11 ކުޅުންތެރިއަކުވެސް ވަނީ ކޮވިޑަށް ޕޮސިޓިވް ވެފައެވެ. އޭގެ ތެރޭގައި ޔުވެންޓަސްގެ ޑެނިއަލް ރުގާނީ އާއި ފިއޮރެންޓީނާގެ ޕެޓްރިކް ކްޓްރޯނޭ ހިމެނެއެވެ. 



Leave a Comment:

Comments will be published after moderation.