News
ކޮވިޑް-19 އާއި ގުޅިގެން ބާސެލޯނާގެ ހިދުމަތްތައް ހުއްޓާލައިފި
14 މާރިޗު 2020
ކޮވިޑް -19 އާއި ގުޅިގެން ސްޕެއިންގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެފްސީ ބާސެލޯނާއިން ހުރިހާ ހަރަކާތްތަކާއި ހިދުމަތްތައް ހުއްޓާލައިފިއެވެ.
ބާސެލޯނާއިން ވަނީ ޓްރޭނިން ފެސިލިޓީސްތަކާއި އޮފީސްވެސް ބަންދުކޮށްފައެވެ. އަދި ބާސާގެ އޮފިޝަލް ސްޓޯރ ވެސް ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފައެވެ. ބާސާއިން ބުނީ ހިދުމަތްތައް ހުއްޓާލިނަމަވެސް ފޯނު މެދުވެރިކޮށް ބާސާ އާއި ގުޅޭ މައުލޫމާތާއި ކުޅުންތެރިންނާ ގުޅޭ މައުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށެވެ.
ބާސެލޯނާގެ ރަސްމީ ޓީމް ޕްރެކްޓިސްތަކާއި ޔޫތް ސުކޮޑްގެ ހަރަކާތްތައްވެސް ވަނީ ހުއްޓާލާފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ކުޅުންތެރިންނާއި ގޭގައި ތިބުމަށް ވަނީ އިރުޝާދު ދީފައެވެ.
ލަލީގާ އިންވެސް ހުރިހާ ހަރަކާތްތައް ވަނީ ހުއްޓާލާފައެވެ.
ލަލީގާގެ ގޭމުތައް ދެން ފަށާނީ އޭޕްރީލް 4 ގައި ކަމަށް އިއުލާނުކޮށްފައިވާއިރު ޗެމްޕިއަންސް ލިގާއި ޔުރޮޕާ ލީގުގެ މެޗުތައް ވަނީ އަންނަ ހަފްތާއަށް ފަސްކޮށްފައެވެ.
ސްޕޭންގެ ސަރުކާރުންވަނީ ކޮވިޑް-19 ފެތުރެމުންދާތީ މާޗް 13 އިން ފެށިގެން ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.
މި ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ސްޕެއިން ސަރުކާރުން އަންގާފައިވަނީ އެގައުމުގައި ބާއްވާ ކުޅިވަރު ހަރަކާތްތަކާއި އާންމުން ގިނަ އަދަދަކަށް އެއްވާ އިވެންޓްތައް 14 ދުވަހުގެ މުއްދަތަކަށް މެދު ކަނޑާލުމަށެވެ.