News
ޕްރިމިއާ ލީގު އޭޕްރީލަށް ފަސްކޮށްފި
13 މާރިޗު 2020
އިނގިރޭސި ޕްރިމިއާ ލީގާއި އެގައުމުގެ އެހެން ހުރިހާ މުބާރާތްތަކެއް ފަސްކޮށްފިއެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ކުޅިވަރުގެ ގިނަ މުބާރާތްތައް ފަސްކުރަމުންދާ އިރު ޕްރިމިއާ ލީގުން ބުނީ ދެން މުބާރާތް ފަށާނީ 4 އޭފްރީލްގައި އޭރުގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.
ސްކޮޓްލޭންޑާއި ވޭލްސް އަދި ނޯދަންއަޔަލޭންޑްގެ މެޗުތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
އިންގްލޭންޑުން އިޓަލީއާއި އެކު ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުވެސް ވަނީ ނުބާއްވާގޮތަށް ހަމަޖެހިފައެވެ.
މި މެޗު ކުރިން ބާއްވަން އުޅުނީ 27 މާޗްގައެވެ. އަދި އޭގެ 4 ދުވަސްފަހު ޑެންމާކާއެކު ކުޅުމަށް ހަމަޖެހިފައިވާ މެޗުވެސް މިހާރު ވަނީ ކެންސަލް ކޮށްފައެވެ.
. ޕްރިމިއާލީގު ފަސްކޮށްފައި މިވަނީ ބުރާސްފަތި ދުވަހު ވަނީ އާސެނަލްގެ މެނޭޖަރ މިކޭލް އާޓެޓާ ކޮވިޑް-19 އަށް ޕޮސިޓީވްވެފަވާކަން އިއުލާނުކޮށްފައި ވަނިކޮށެވެ. އަދި ޗެލްސީގެ ސްޓްރައިކާ ކަލޮމް ހުޑްސަން-އެޑޯއީ ވަނީ އޭނާއަށްވެސް ކޮވިޑް-19 ޖެހިފައިވާ ކަން މިއަދު ހާމަކޮށްފައެވެ. އަދި އެވަޓަންގެ ކުޅޫންތެރިއެއްގެ ގައި މިބަލީގެ އަލާމާތްތައް ފެނިފައިވާކަމަށް އެޓީމުންވެސް ވަނީ ބުނެފައެވެ.
މިދިޔަ ހަފްތާގައި ބައެއް ކުލަބުތަކުން ވަނީ ކުޅުންތެރިންނާއި އެހެނިހެން ސްޓާފުން އައިސޮލޭޝަންގައި ތިބިކަން ހާމަކޮށްފައެވެ. އެގޮތުން އާސެނަލް އާއި ޗެލްސީ އާއި ލެސްޓަސިޓީ އާއި މެންޗެސްޓާ ސިޓީ އާއި ޖުވެންޓަސް އަދި ރިއަލް މެޑްރިޑްގެ ކުޅުންތެރިން ސެލްފް އައިސޮލޭޝަންގައި ބައިތިއްބާފައި ތިބިކަމަށް އެޓީމުތަކުން ބުނެފައިވެއެވެ.
ޕްރިމިއާ ލީގްގެ ޗީފް އެގްޒެކެޓިވް ރިޗަޑް މާސްޓާސް ބުނީ މި ދަނޑިވަޅުގައި ކުލަބުތަކާއި ސަރުކާރާއި ފުޓުބޯޅައިގެ މައި އިދާރާތަކާއި އެކު ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަމަށާއި، އެންމެ މުހިންމީ ސަޕޯޓަރުންނާ ސްޓާފުންނާއި ކުޅުންތެރިންގެ ސިއްހަތު ކަމަށެވެ.
ޔޫކޭގައި ކޮވިޑް-19 ޖެހިފައިވާ 596 މީހުން ތިބި ކަމަށް ރަސްމީ އިދާރާތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި މި ބަލީގައި އެގައުމުން މިހާތަނަށް މަރުވެފައިވަނީ 10 މީހުންނެވެ.
ޔޫކޭގެ އިތުރުން އިޓަލީ، ސްޕޭން، ޕްރާންސް، ނެދަލެންޑްސް، ޕޯޗުގަލް އަދި އެމެރިކާގައިވެސް ވަނީ ފުޓުބޯޅަ މުބާރާތްތަކާއި މެޗުތައް ހުއްޓާލާފައެވެ.