News

ޓީސީ ރާއްޖެ އަންނާނީ ލަންކާގައި ކަރަންޓީނުގެ މުއްދަތު ހަމަކޮށްފަ

12 މާރިޗު 2020






އޭއެފްސީ ކަޕަށް ބަނގްލަދޭޝްއަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން މާލެ އަންނަ މަގުމަތީގައި ލަންކާގައި 14 ދުވަސް ވަންދެން ކަރަންޓީނުގައި ބައިތިއްބަން ނިންމައިފިއެވެ.

 

މިކަން އިއުލާނު ކުރީ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ބަނގްލަދޭޝްގައިވެސް ކޮވިޑް-19 ފެތުރެމުންދާތީ ވަގުތީ ގޮތުން ބަނގްލަދޭޝް އިން އަންނަ ފަރާތްތައް އެތެރެނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 

 

ކޮރޯނާވައިރަހާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އާންމު ކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކެއްޓްރީ މަބުރޫކް އަބުދުލް އަޒީޒް ވިދާޅުވީ ކޮލަންބޯގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރުމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ޓީސީގެ ކުޅުންތެރިން ލަންކާއަށް ދާނެ ކަމަށެވެ.

 

ކޮލަމްބޯގައި ޓީސީ ޓީމް ކަރަންޓީނު ކުރުމުގެ ކަންކަން ހަމަޖައްސާފައިވަނީ ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް އާއި ޓީސީ އާއި ދެމެދު ވާހަކަދެކެވިގެން ކަމަށް މަބްރޫކް ވިދާޅުވިއެވެ. 

 

ބަނގްލަދޭޝްއިން ރާއްޖެއަށް މީހުން މަނާކޮށްފައިވާ މިދަނޑުވަޅުގައި ބަނގްލަދޭޝްއިން ކޮވިޑް-19 ޖެހިފައިވަނީ ތިން މީހަކަށެވެ. ރާއްޖޭގައި މިއަދަދު ވަނީ އަށަކަށް އަރާފައެވެ. 

 

އޭއެފްސީ ކަޕްގެ ސެމީ ފައިނަލްގައި ޓީސީ ކުޅެންޖެހޭ މެޗެއް އަންނަ ހަފްތާގައި އޮތް އިރު ލަފާކުރެވޭ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން މި މެޗު ފަސްކުރުން އެކަށީގެންވެއެވެ. 

 

އޭއެފްސީ ކަޕްގައި ވާދަކުރާ އަނެއް ދިވެހި ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އެޓީމުގެ ކުޅުންތެރި ތިބީ އިންޑިއާގައެވެ. އިންޑިއާއިން ރާއްޖެ އައުން މަނާކޮށްފައި ނުވާތީ އެ ކުޅުންތެރިންނަށް އަނބުރާ ގައުމަށް އައުމަށް ހުރަހެއް އޮތް ކަމެއް އެނގިފައެއް ނެތެވެ. 

 



Leave a Comment:

Comments will be published after moderation.