News
ބަޝުންދުރާ އިން ޓީސީ ބަލިކޮށްފި
11 މާރިޗު 2020
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި މިއަދު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު ބަނގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަތުން ބަލިވެއްޖެއެވެ.
މިއަދު މެންދުރުފަހު ޑާކާގެ ބަންގަބަންދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ޓީސީ ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ބަޝުންދުރާގެ ހަނާން ބާކޯސް ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ. މެޗުގެ އެންމެ ފުރަތަމަ ލަނޑު ޖެހީ 18 ވަނަ މިނިޓްގައި ބަޝުންދުރާގެ ބިދޭސީ ކުޅުންތެރިޔާ ބާކޯސްއެވެ. ބަޝޫންދުރާއިން ލީޑް ނަގާފައިވަނިކޮށް ޓީސީގެ އިސްމާއިލް އީސާ (މެސީ) ވަނީ މެޗުހެ 21 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ޓީސީ އަށް ލަނޑެއް ޖަހާދީފައެވެ.
މާގިނަ އިރުތަކެއް ނުވެ އަނެއްކާވެސް ބަޝުންދުރާގެ ބާކޯސް ވަނީ ދެވަނަ ލަނޑު ޖަހާފައެވެ. އޭގެފަހުން ޓީސީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
މެޗުގެ ދެވަނަ ހާފްގައި ބަޝުންދުރާގެ 3 ވަނަ ލަނޑުވެސް ޖަހާދިނީ ބާކޯސް އެވެ. އޭގެ ފަހުން މެޗުގެ 76 ވަނަ މިނިޓްގައި ބަޝުންދުރާގެ ކެޕްޓަން ޑެނިއަލް ކޮލިންޑްރޭސް ވަނީ ލަނޑެއް ޖަހާފައެވެ. ބަޝުންދަރާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް ބާކޯސް އެވެ.