News
ހުރިހާ އެކަޑަމީތަކުގެ ހަރަކާތްތައް ހުއްޓާލުމަށް އެފްއޭއެމުން އެދިއްޖެ
9 މާރިޗު 2020
ސިއްހީ ސަބަބުތަކަށްޓަކާއި ހުރިހާ އެކަޑަމީތަކުން ކުރިޔަށްގެންދާ ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށް އެފްއޭއެމުން އެދިއްޖެއެވެ.
މިއަދު އެކަޑަމީތަކަށް އެފްއޭއެމުން އެންގި އެންގުމުގައިވަނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެއް ހުރިހާ އެކަޑަމީތަކުން ހުރިހާ އުމުރުފުރައަކަށް ބާއްވާ ހަރަކާތްތައް ހުއްޓާލުމަށެވެ.
އެފްއޭއެމުން މިގޮތަށް އަންގާފައިވަނީ ރާއްޖޭންވެސް ނުރައްކާތެރި ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާ ހަތަރު މީހުން ތިބިކަން ސަރުކާރުން އިއުލާނު ކޮށްފައިވާތީ އެވެ.
އެފްއޭއެމް އާއި ބައެއް އެސޯސިއޭޝަންތަކުންވެސް ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އިލްތިމާސްކޮށްފައިވާ ގޮތަށް އެއްވެ އުޅޭ ހަރަކާތްތައް ކުރިޔަށް ނުގެންދިއުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ފަސްކޮށްފައެވެ.
އެފްއޭއެމް އާއި ޔޫތު މިނިސްޓްރީން ކުރިޔަށް ގެންދަން ހަމަޖެއްސި ޖަޒީރާ ކަޕް 2020 އާއި ވައިޑިޕީގެ ހަރަކާތްތައްވެސް ވަނީ ފަސްކޮށްފައެވެ. އަދި އިންޓަރސުކޫލު ކުޅިވަރު މުބާރާތްތަކާއި ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ބައެއް މެރެތަން ތައްވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން ފަސްކޮށްފައެވެ.