News
ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތައްވެސް ފަސްކޮށްފި
9 މާރިޗު 2020
ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން 2022ގެ ފިފާ ވޯލްޑް ކަޕާއި 2023 ގެ އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގެ އޭޝިއާ ސަރަހައްދުގެ މެޗުތައް ފަސްކުރިކަން ފީފާއިން އެފްއޭއެމަށް އަންގައިފިއެވެ.
ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގެ މެޗުތައް ފަސްކުރިކަން އެފްއޭއެމަށް އެންގީ މިދިޔަ ހޯމަ ދުވަހުއެވެ. މި ނިންމުން ނިންމާފައިވަނީ އޭއެފްސީ އާއި ފީފާގެ އިސްވެރިން މަޝްވަރާ ކުރުމަށްފަހުއެވެ.
އޭއެފްސީން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާ، ދެން މެޗުތައް ބާއްވާނެ ތާރީހުތަކާމެދު މަޝްވަރާކޮށްފައެވެ. މަޝްވަރާތަކުގައި ނިންމާފައިވާ ގޮތަށް ދެން މެޗުތައް ބާއްވަން ބޭނުންވާ ތާރީހުތައް ފީފާއަށް ހުށަހަޅަން އޭއެފްސީން ވަނީ ނިންމާފައެވެ.
އޭއެފްސީ ކޮލިފިކޭޝަންގެ މެޗުތައް ފީފާއިން ފަސްކޮށްފައިވާކަން ރާއްޖެއަށް އަންގާފައިވާއިރު ކޮލިފިކޭޝަނުގައި ރާއްޖެއިން ކުޅުމަށް ހަމަޖެހިފައި އޮތީ ދެ މެޗެވެ. އެއީ މިމަހުގެ 26 ވަނަ ދުވަހު ތައިލެންޑްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗާއި، މިމަހުގެ 31 ވަނަ ދުވަހު ރާއްޖޭގައި ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ.
ތައިލޭންޑްގައި ރާއްޖެ ކުޅުމަށް ހަމަޖެހުނު މެޗުގައި ވާދަކުރަނީ ޗައިނާއާއެވެ. މި މެޗު ކުރިން ރާވާފައި އޮތީ ޗައިނާގައި ބޭއްވުމަށެވެ. އެހެންނަމަވެސް ފަހުން މެޗު ތައިލޭންޑަށް ބަދަލުކުރީ ކޮވިޑް-19ގެ ނުރައްކާ ޗައިނާގައި ބޮޑުވުމުގެ ސަބަބުންނެވެ. ދެވަނަ މެޗުގައި ގަލޮޅު ދަނޑުގައި ދިވެހި ޓީމު ނިކުތުމަށް ހަމަޖެހިފައި އޮތީ ސީރިއާ އާއި ދެކޮޅަށެވެ.
އޭއެފްސީ ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގްރޫޕު އޭގައެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ 15 ޕޮއިންޓާއި އެކު ސީރިއާއެވެ. ދެވަނައިގައި އޮތީ 7 ޕޮއިންޓް ހޯދާފައިވާ ޗައިނާއެވެ. ތިން ވަނައިގައި އޮތީ 7 ޕޮއިންޓާއެކު ޕިލިޕީންސް އެވެ. ރާއްޖެ އޮތީ 6 ޕޮއިންޓާއި އެކު ހަތަރުވަނައިގައެވެ. އެންމެ ފުލުގައި އޮތީ އެންމެ ޕޮއިންޓެއްވެސް ލިބިފައިނުވާ ގުއާމެވެ.