News

ކޮވިޑް-19 ފެނުމުން އެތްލެޓިކްސް ހަރަކާތްތައް މަޑުޖައްސާލައިފި

8 މާރިޗު 2020






ރާއްޖޭން ކޮވިޑް-19 އަށް ޕޮސިޓީވްވެފައިވާ ދެ މީހުން ފެނިފަވާކަން ސަރުކާރު އިއުލާނު ކުރިތާ މާގިނަ އިރުތަކެއް ނުވަނީ އެތުލެޓިކްސް ހަރަކާތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

 

އެތްލެޓިކްސް އެސޯސިއޭޝަންގެ މި ފިޔަވަޅު އެޅީ އެ ބަލި ފެތުރުން ހުއްޓުވުމަށް އެސޯސިއޭޝަން ފެންވަރުގައި މަސައްކަތްކުރުމުގެ ގޮތުން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. 

 

އެތްލެޓިކްސް އެސޯސިއޭޝަނުގެ އިސްވެރިން މިރޭ ނިންމާފައިވަނީ ރާއްޖޭގައި މިވަގުތު އެސޯސިއޭޝަންގެ ފަރާތުން ހިންގާ ޔޫތު އެތުލެޓީކްސް ޓްރެއިނިން އާއި ކިޑްސް އެތްލެޓިކްސް ޓްރެއިންނިން މެދު ކަނޑާލުމަށެވެ. އަދި މާލޭގައި އެ އެސޯސިއޭޝަނުން ކުރިޔަށް ގެންދާ ހުރިހާ ހަރަކާތެއްވެސް މެދުކަނޑާލުމަށެވެ. މީގެ އިތުރުން އަންނަ އޭޕްރީލްގެ ނިޔަލަށް ޝެޑިއުލްކޮށްފައިވާ ހުރިހާ މުބާރާތެއްވެސް ފަސްކުރުމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ބޯޑުން ވަނީ ނިިންމާފައެވެ.

 

އެތުލެޓިކްސް އެސޯސިއޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާންމު ހާލަތަކަށް އައުމުން ފަސްކުރި މުބާރާތްތައް އަލުން ރީޝެޑިއުލްކޮށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ކަނކަން ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އެ އެސޯސިއޭޝަނުން ބާއްވާ ޓްރޭނިންތައް އަލުން ފަށާނެ ކަމަށެވެ. 

 

ކޮވިޑް-19 އާއި ހެދި ސުކޫލުތަކުގެ އިތުރު ހަރަކާތްތައްވެސް މެދުކަނޑާލާ އާންމުން އެއްވާ ހަރަކާތްތައް މަޑުޖައްސާލުމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. އެހެންވެ ބައެއް ކުޅިވަރު ހަރަކާތްތަކާއި މެރެތަން ފަދަ ހަރަކާތްތައް އަންނަނީ ފަސްކުރަމުންނެވެ. 

 

ރާއްޖޭން ކޮވިޑް ފެނިފައިވާކަން ސަރުކާރުން ކަށަވަރު ކޮށްދިނީ މިރެއެވެ. މިބައްޔަށް ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓްގައި މަސައްކަތްކުރާ ދެ ބިދޭސީންނެވެ. 

 

ރާއްޖޭން ފެނުނުކަން ސަރުކާރުން އިއުލާންކުރީ މިރޭ އެވެ. އެ ބައްޔަށް ޕޮޒިޓިވްވީ ޅ. ކުރެއްދޫ ރިސޯޓުން ދެ މީހެކެވެ.



Leave a Comment:

Comments will be published after moderation.