News

ވަރުގަދަ މާޒިޔާއަށް ގްރީން އަތުން އުނދަގޫ މޮޅެއް

5 މާރިޗު 2020






އެފްއޭ ކަޕް ގެ ދެވަނަ މެޗްގައި ޕެނަލްޓީ ޖަހައިގެން ކްލަބް ގްރީން ސްޓްރީޓް ބަލިކޮށް މާޒިޔާއިން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ. 

 

ވަރުގަދަ މާޒިޔާ އާއި ވާދަކޮށް ގްރީން އިން ވާދަވެރި ކުޅުމެއް ދައްކާ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް އެއްވަރުވުމުން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ގްރީން ބަލީވީ 7-8 ކުން ނެވެ.  

 

މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ގްރީން ސްޓްރީޓުންނެވެ. މެޗު ފެށިގެން 2 ވަނަ މިނިޓްގައި ގްރީން އަށް ލީޑް ނަގައިދިނީ އަހުމަދު ރަޝީދު މާޒިޔާގެ ގޯލު ކަނަށް ފޮނުވާލި ބޯޅަ އާއި އެކު 1-0 ގެ ނަތީޖާއިންނެވެ. އޭގެ ފަހުން މާޒިޔާއިން ނަތީޖާ އެއްވަރު ކުރީ 61 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު މާޒިޔާއަށް ކާމިޔާބުކޮށްދިން ގޯލަކުންނެވެ. 

 

1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައިވަނިކޮށް އިތުރުވަގުތު ކުޅެގެން އަނެއްކާވެސް ގްރީނުން ވަނީ ލީޑް ނަގާފައެވެ. ގްރީންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އުމެއިރެވެ. ފަހަތުން އަރާ އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރީ އިތުރުވަގުތުގެ ކުޅުން ނިމެން ގާތްވެފައިވަނިކޮށް މާޒިޔާގެ އިބްރާހިމް މަހުދީ ހަސަން ގޯލަށް ފޮނުވާލި ބޯޅައަކުންނެވެ. 

 

އިތުރު ވަގުތު ކުޅުމަށްފަހު ސެމީއަށް ދާނެ ޓީމެއް ކަށަވަރު ކުރަންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ދެޓީމުންވެސް ދެއްކި މި މެޗަށް ގްރީން އިން ނިކުތީ އަލީ ނިޝްތާރު މުހައްމަދުގެ ކޯޗުކަމުގެ ދަށުންނެވެ. މިއީ ނިޝްތާރުގެ ގްރީން އާއި ހަވާލުވިފަހުން އެ ޓީމުން ދަނޑަށް ނިކުތް ފުރަތަމަ ފަހަރެވެ. 

 

ކްލަބް ގްރީން ސްޓްރީޓްސް މާޒިޔާ ސްޕޯރޓްސް އެންޑް ރިކުރިއޭޝަން

Leave a Comment:

Comments will be published after moderation.