News
އެފްއޭ ކަޕްގެ ފުރަތަ މެޗް 13 ލަނޑުން ޓީސީ ކާމިޔާބުކޮށްފި
5 މާރިޗު 2020
މިއަދު ހަވީރު ކުޅުނު އެފްއޭ ކަޕްގެ ފުރަތަމަ މެޗްގައި 0-13 އިން އޭދަފުށި ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.
މިއަދުގެ މެޗުގައި ޓީސީގެ ތިން ފޯވާޑުން ވަނީ ހެޓްރިކް ހަދާފައެވެ. އެ ކުޅުންތެރިންނަކީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިޝާން އިބްރާހިމް (ސައްޓު) އަދި މެލްކޮމް ކޮނޭލިއަސް ސްޓެވާޓެވެ. މިއަދުގެ މެޗުގައި ޓީސީއަށް އިސްމާއީލް އީސާ މެސީ ވަނީ 2 ގޯލު ޖަހާދީފައެވެ. އަދި އަނެއް ދެ ގޯލް ޖެހީ އަހުމަދު ފައްރާހް (ފައްރަ) އެވެ. މިއަދުގެ މޮޅާއެކުު ސެމީ ފައިނަލްގައި ޓީސީން ވާދަކުރާނީ ކްލަން އީގަލްސާ އާއި ވިލިމާލެ ޔުނައިޓެޑް ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ. މި ދެ ޓީމު ކުޅޭނީ މާދަމާރެއެވެ.
23 އަހަރުން ދަށުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކްލަބު އޭދަފުށި އެފްއޭ ކަޕަށް ނިކުތީ ކޯޗު އިހުސާން އަބްދުލްޣަނީ ( ސާންތި) ގެ އިރުޝާދާ އެހީތެރިކަމާއެވެ. ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު، ސާންތިގެ ކޯޗުކަމުގެ ދަށުން ކުޅޭ މިޓީމުގެ ހުރިހާ ކުޅުންތެރިންނަކީވެސް އޭދަފުއްޓަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
ދެ އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު މިއަދު ފެށި އެފްއޭ ކަޕްގައި ވާދަކުރަނީ އެފްއޭއެމްގައި ރަޖިސްޓްރީވެފައިވާ ކްލަބުތަކުގެ ތެރެއިން މުބާރާތުގައި ބައިވެރިވި އަށް ޓީމެވެ. މުބާރާތުގެ ދެވަނަ މެޗްގައި މިރޭ ކުޅެން ނިކުންނާނީ މާޒިޔާ އާއި ގްރީން ސްޓްރީޓެވެ.