News

އެފްއޭއެމުން ބާއްވަން އުޅުނު ފިޓްނަސް ކޯސް ފަސް ކޮށްފި

5 މާރިޗު 2020






ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން  އަންނަ މަހު ބާއްވަން ހަމަޖެއްސި ފިޓްނަސް ކޯޗިންގ ސެޓިފިކެޓް ކޯސް ލެވެލް 1A ފަސްކޮށްފިއެވެ. 

 

1 އޭޕްރީލް އިން 05 އޭޕްރީލް 2020 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެފް.ސީ ފިޓްނަސް ކޯޗިންގ ސެޓްފިކެޓް ކޯސް ލެވަލް 1A ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 4 ގައެވެ. 

 

8 ބައިވެރިންނާއި އެކު ކުރިޔަށް ގެންދަން ހަމަޖެހުނު މި ކޯސް ފަސްކުރި ނަމަވެސް ދެން ކޯސް އޮންނާނެ ވަކި ތާރީހެއް އަދި އެފްއޭއެމް އިން ކަނޑައަޅާފައެއް ނުވެއެވެ.

 

ކޯހަށް ހޮވޭ ފަރާތްތަކުން ކޯހުގެ ފީއެއްގެ ގޮތުގައި -/1،500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) ދައްކަން ޖެހޭ ގޮތަށް ކުރިޔަށް ގެންދަން ހަމަޖެހުނު މި ކޯހުގައި ބައިވެރިވުމުުގެ ފުރުސަތު އޮތީ އޭއެފްސީ"ބީ" ކޯޗިންގ ސެޓިފިކެޓް ލިބިފައިވާ ފަރާތްތަކަށެވެ.

 

އޭއެފްސީގެ އިންސްޓްރަކްޓަރެއް ކިޔަވާދިނުމަށް ހަމަޖެހިފައި އޮތް މި ކޯސް ފަސްކުރި އިރު ކޮވިޑް-19 އާއި ގުޅިގެން އޭއެފްސީގެ ގިނަ ހަރަކާތްތަކެއް ކެންސަލް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. 

 

ކޯޗުންނަށް ހާއްސަކޮށްގެން މިފަދަ ފިޓްނަސް ކޯހެއް މީގެ ކުރިން އެފްއޭއެމް އިން ބާއްވާފައެއް ނުވެއެވެ. 



Leave a Comment:

Comments will be published after moderation.