News
19 އަހަރުން ދަށުގެ ކްރިކެޓް މުބާރާތް އަންނަ ހަފްތާގައި ފަށަނީ
5 މާރިޗު 2020
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމް ކުރާ ހަތަރު ވަނަ ޕްރެސިޑެންޓްސް ކަޕް އަންނަ ހަފްތާގައި ފަށަން ހަމަޖައްސައިފިއެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ރިސްކާ ހެދިގެން ގިނަ ހަރަކާތްތަކެއް ފަސްކުރަމުންދަނިކޮށް މި ދަނޑިވަޅުގައި ކްރިކެޓް މުބާރާތް ބާއްވަން ނިންމިކަން އިއުލާނުކުރީ މިއަދެވެ. ކްރިކެޓް ބޯޑުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ 19 އަހަރުން ދަށުގެ މުބާރާތް އޮންނާނީ މިމަހުގެ 8 އިން 27 އަށެވެ. މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ 50 އޯވާރުގެ މެޗްތަކެވެ.
ކޮވިޑް-19 ގެ އަސަރު ރާއްޖެއަށް ކޮށްފާނެ ކަމަށް ބެލެވޭތީ މީހުން އެއްވެ އުޅޭ ހަރަކާތްތައް މިދުވަސްވަރު މަޑު ޖައްސާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ. އެހެންކަމުން ކުރިން މިމަހު ބާއްވާގޮތަށް ހަމަޖެއްސި އިންޓަރ ސުކޫލް ވޮލީ ބޯޅަ މުބާރާތް ވަނީ ފަސްކޮށްފައެވެ. އަދި ރާއްޖޭގައި ބާއްވަން ހަމަޖެއްސި ބައެއް މެރެތަންތައްވެސް ވަނީ ފަސްކޮށްފައެވެ.
ކްރިކެޓް ބޯޑުން ބުނީ މި މުބާރާތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 7 ވަނަ ދުވަހުގެ 13:00 ގެ ކުރިން ނަން ހުށަހެޅުމަށް އެދޭ ކަމަށެވެ. ޓީމްތަކަށް ކުޅުންތެރިން ހޮވާނީ ކްރިކެޓް ބޯޑުން ކަމަށްވެސް އިއުލާނުގައި ބުނެފައެވެ.
މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 7970044 ނަންބަރަށް ގުޅުމަށް އެދޭ ކަމަށް ވެސް ކްރިކެޓް ބޯޑުން އެދިފައި ވެއެވެ.
ކްރިކެޓް