News
ގޯލްކީޕަރ އެކަޑަމީގެ ކުޅުންތެރިން ދަނޑުގައި ނަމާދު ކުރުމުން ތައުރީފު އޮހެނީ
4 މާރިޗު 2020
އެފްއޭއެމްގެ ގޯލްކީޕަރ އެކަޑަމީގެ ކުޅުންތެރިން ފަރިތަކުރުންތަކެއްގެ ތެރޭގައި ތިބުމަށްފަހު ރޭ އިޝާނަމާދު ކުރާ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
އެފްއޭއެމްގެ ވެރިންނާ އެކަޑަމީގެ ކޯޗުންނާއި ކުޅުންތެރިންނަށް ތައުރީފު ކޮށް މިފޮޓޯތައް އެންމެ ފުރަތަމަ އާންމު ކުރެއްވީ މަޝްހޫރު ކޯޗު ޝާކިއްޓެ އެވެ.
ގައުމީ ޓީމްގެ އެސިސްޓެންޓް ކޯޗް އަހުމަދު ޝާކިރު (ޝާކިއްޓޭ) ފޭސްބުކުގައި އާންމު ކުރައްވާފައިވާ އެ ފޮޓޯތަކުން ފެންނަނީ ފަރިތަކުރުންތަކުގައި ބައިވެރި ކުދިން އިޝާނަމާދަށް ބަންގި ގޮވުމުން ކުޅުން ހުއްޓާލާ ދަނޑުމަތީގައި ޖާމާއަތް ހަދައިގެން ނަމާދުކުރާ މަންޒަރެވެ.
އެފްއޭއެމްއިން ވަނީ ޝާކިއްޓޭ އޭނާގެ ފޭސްބުކްގައި އާންމުކުރެއްވި ފޮޓޯތައް ޝެއާކޮށް އެފްއޭއެމް އިންވެސް ވަނީ ގޯލްކީޕަރ އެކަޑަމީގެ ކޯޗުންނާއި ކުޅުންތެރިންނަށް ތައުރީފުކޮށްފައެވެ. އަދި ކޮންމެ ވަގުތެއްގައިވެސް އެންމެ އިސްކަންދޭ ޖެހޭނީ ނަމާދަށް ކަމަށާއި، ކުޅެންތިއްބާ ބަންގި ގޮވުމުން ނަމާދަށް އަރާ ޖަމާއަތުގައި ނަމާދު ކުރުމުން އެކަން ވަރަށް އުފަލާއެކު ފާހަގަ ކުރާ ކަމަށާއި މިފަދަ ރަނގަޅުކަންކަން ދަމަހައްޓާތީ މިއީ ނަމޫނާއެއްގެ ގޮތުގައި ބަލައިގަތުމަށް އެފްއޭއެމްގެ ފޭސްބުކު ފޭޖުގައި ބުނެފައިވެއެވެ.
އެފްއޭއެމްގެ ގޯލްކީޕަރ އެކަޑަމީގެ ކޯޗުންނަކީ ނިއުގެ ކުރީގެ ގޯލް ކީޕަރް އިމްރާން އާއި އަންވަރު އަދި އަސްލަމް ކޯޗެވެ.
އެފްއޭއެމްގެ ފޭސްބުކު ޕޭޖުގައި ކޯޗުންނާއި ކުޅުންތެރިންނަށް ތައުރީފުކޮށް ލިޔެފައިވާ ޕޯސްޓްގައި ބުނެފައިވަނީ މިއީ ވަރަށް ރީތި މަންޒަރެއް ކަމަށާއި، ސާފުތާހިރު ކޮންމެ ތަނެއްގައިވެސް ނަމާދު ކުރުން ރަނގަޅު ކަމަށެވެ. އަދި ކުޅުންތެރިންނާއި ކޯޗުންނާއި ފުޓްބޯޅަ އާއިލާގެ މެމްބަރުންގެ ފަރާތުން މިފަދަ ކަންކަން އިތުރަށް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ބަންގި ގޮވުމަށްފަހު އެހެން ހުރިހާ ކަމަކަށްވުރެ މުހިންމީ ނަމާދު ކަމަށްވެސް އެފްއޭއެމްގެ ޕޯސްޓްގައި ލިޔެފައިވެއެވެ.
އެފްއޭއެމްގެ ޕޯސްޓް ނިންމާލާފައިވަނީ ކުޅުންތެރިންނާއި ކޯޗުންނާއި ފުޓްބޯޅަ އާއިލާއަށް އިތުރު ކާމިޔާބީތައް ﷲގެ ހަޒްރަތުން ލިބުމަށް އެދިއެވެ.