News

ނިއުގެ އާ ޗެއާމަނަކަށް މޮސްޓާ، ވައިސް ޗެއާ އަކަށް ސައްޔިދުއަލީ

4 މާރިޗު 2020






ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އެކްޒެކެޓިވް ބޯޑު އެކުލަވާލާ ކުލަބުގެ ޗެއާމަނަކަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ހަމަޖައްސައިފިއެވެ.

 

ނިއުގެ މަޝްހޫރު ސަޕޯޓަރ މޮސްޓާ ޗެއާމަނަކަށް ހަމަޖައްސާފައިވާއިރު ވައިސް ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ސައްޔިދު އަލީ އެވެ. ބޯޑުގެ މެންބަރުންނަކީ ޒަހީނުއްދީން ސައީދު، ހުސެއިން ޝާމް އާދަމް، ހަސަން ހުސެއިން، އަބްދުލްމުއިޒު މުސްތަފާ، އަހުމަދު ޝިޔާމް، އަހުމަދު ވާސިފް އަދި އިސްމާއިލް ރަޝީދެވެ.

 

ނިއުގެ ޗެއާމަންގެ މަގާމު ހުސްވީ ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ ސަބަބުން އެފްއޭއެމް އިން ނިއު ސަސްޕެންޓް ކޮށްފައިވަނިކޮށް ކުރީގެ ޗެއާމަން ރިޓަޔާރޑް ކާނަލް މުހައްމަދު ޒިޔާދު އިސްތިއުފާ ދެއްވުމުންނެވެ.

 

2019 ގެ މޭ މަހު ޒިޔާދު އިސްތިއުފާ ދެއްވީ ކުލަބުގެ ޗެއާމަން ކަމަށް ޝައުގުވެރިވާ ފަރާތްތަކެއް ތިބިކަމަށް ފާހަގަ ކުރެއްވުމަށްފަހު އެވެ. އޭރު ނިއުގެ ސަޕޯޓަރުން ވަނީ ކުލަބު އަލުން ކޮޅަށް ޖެހުމަށް މަސައްކަތްތަކެއް ފަށާފައެވެ. ސަޕޯޓަރުންގެ އެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ މޮސްޓާ އެވެ.

 

އަންނަ ސީޒަނުގައި ނިއުއަށް ކުޅެވޭނެ މަގު ފަހި ކުރުމަށް ސަޕޯޓަރުންތަކެއް އިސްނަގައިގެން އަނެއްކާވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

 

އެގޮތުން މޮސްޓާ އިސްކޮށް ހުންނަވައިގެން ރަމްޒީ ޖާޒީތަކެއް ވިއްކުމުގެ ހަރަކާތެއްވެސް ކުރިޔަށް ގެންދިޔައެވެ. ޖާޒީއެއް ވިއްކާފައިވަނީ 500ރ އަށެވެ.

 

ކުލަބުގެ ދަރަނި އަދާކުރުމަށް މިފަދަ ހަރަކާތްތައް ކުރިޔަށް ގެންދާއިރު ނިއު އިން ވަނީ ދިވެހި ކުޅުންތެރިންނަށް 2.4 މިލިއަން ރުފިޔާ ދޭން ޖެހިފައެވެ.

 

އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒް އަށް 511،342ރ ދޭން ޖެހެއެވެ. މީގެ އިތުރުން އުސޫލުން ބޭރުން ކޮންޓްރެޓް ބާތިލުކޮށްފައިވާ އަފްގާނިސްތާނުގެ ޑިފެންޑަރ ހާރޫން އަމީރީ އަށް 703،707ރ ވެސް ދޭންޖެހެއެވެ. 

 

އަމީރީއަށް ދޭންޖެހޭ ފައިސާ ދައްކާ ހަލާސްކުރުމަށްފަހު ނޫނީ ކުރިޔަށް އޮތް ތިން ޓްރާންސްފާ ބާޒާރުގައި ނިއުއަށް ކުޅުންތެރިއެއް ނުހޯދޭނެއެވެ. 

ނިއު ރޭޑިއަންޓް ސްޕޯރޓްސް ކްލަބް

Leave a Comment:

Comments will be published after moderation.