News

ދިވެހި ޕްރިމިއާ ލީގްގެ ޝީލްޑް އުފުލާލީ މާޒިޔާ

3 މާރިޗު 2020






ރޭ ކުޅުނު ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗްގައި ކްލަބް އީގަލްސް އަތުން 2-1 ގެ ނަތީޖާއިން ބަލިވި ނަމަވެސް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާއިން ދިވެހި ޕްރިމިއާ ލީގުގެ ޝީލްޑް އުފުލާލައިފިއެވެ.

 

މާޒިޔާއިން މީގެ ކުރިން 2016 ގައި ވަނީ ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. ދެ ފަހަރުވެސް މާޒިޔާއިން ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކުރީ ބާކީ ތިން މެޗް އޮއްވައެވެ. މިފަހަރުގެ ލީގު 21 މެޗުން 51 ޕޮއިންޓް ހޯދައިގެން ލީގު ނިންމުލާފައިވާއިރު، މާޒިޔާއިން ޗެމްޕިއަންކަން ހޯދުމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ފަރާތުން ދޭ އަގުވަޒަން ކުރުމުގެ އެވޯޑެއްވެސް ވަނީ ދީފައެވެ. މާޒިޔާއަށް ރޭގައި ގޯލުޖަހާދިނީ މެޗުގެ 88 ވަނަ މިނިޓްގައި ހަމްޕް އެވެ. 

 

މާޒިޔާއިން ޗެމްޕިއަންކަން ކަށަވަރުކުރި އިރު ރޭގެ މެޗްގެ ނަތީޖާއާއި އެކު ކްލަބް އީގަލްއިން ވަނީ ލީގުގެ ދެވަނަ ހޯދާފައެވެ. އެއީ 21 މެޗުން 45 ފޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތީ 2018 ވަނަ އަހަރުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ. އެއީ 21 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. 

 

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް  ހޮވުނީ އީގަލްސް އެވެ. އެންމެ މޮޅު ކީޕަރުގެ މަގާމް ހޯދީ މާޒިޔާގެ ގޯލްކީޕަރު އަފްގާނިސްތާންގެ އޮވޭސް އަޒީޒީ އެވެ. އޭނާ އަކީ ޕްރިމިއާ ލީގަށް ބަދަލުކުރި ފަހުން އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދި ބިދޭސީ ތިން ވަނަ ކީީޕަރެވެ. ކުރިން އެ އެވޯޑް ހޯދީ އީގަލްސްގެ ކީޕަރު ސްރީލަންކާގެ ސުޖަން ޕެރޭރާ އާއި ޓީސީގެ ކުރީގެ ކީޕަރު ނޭޕާލްގެ ކިރަން ޝެމްޝޮން އެވެ.

 

ރޭގެ މެޗްގައި މާޒިޔާގެ ފުރަތަމައި 11 އިން ބަދަލުތަކެއް ފެނިފައިވާއިރު މެޗަށް ނުކުތީ އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ބައެއް ކުޅުންތެރިންގެ ބަދަލުގައި އެހެން ކުޅުންތެރިން ހިމަނައިގެންނެވެ.

މާޒިޔާ ސްޕޯރޓްސް އެންޑް ރިކުރިއޭޝަން

Leave a Comment:

Comments will be published after moderation.