News
9 ޓީމާއި އެކު އެފް އޭ އެމް ޔޫތު ޗެމްޕިއަންޝިޕް މާދަމާ ފަށަނީ. މުބާރާތުގެ ހުރިހާ އަޕްޑޭޓެއް ބޯޅަ.އެމްވީ އިން
4 ފެބްރުއަރީ 2019
ޖުމްލަ ނުވަޓީމާއި އެކު މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ޤައުމީ ފުޓުބޯޅަ ދަނޑުގައި މާދަމާ ފަށާނެއެވެ.
މިމުބާރާތް ކުރިޔަށްދާނީ 2 ގުރޫޕަކަށް ބާހާލައިގެންނެވެ. ގްރޫޕް އޭ ގައި 4 ޓީމް ހިމެނޭއިރު ގްރޫޕް ބީ ގައި ހިމެނެނީ 5 ޓީމެވެ. ޔޫތު ޗެމްޕިއަންޝިޕްގެ ގްރޫޕް އޭ ގައި ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބް، ފޯކައިދޫ، ވިކްޓްރީ ސްޕޯޓްސް ކްލަބް، ދަ ގޭންގެވެ. އަނެއް ގްރޫޕުގައި އޮތީ މާޒިޔާ، ގްރީންސްޓްރީޓްސް، އޭދަފުށި އަދި އީގަލްސްއެވެ.
ކުރިން މި މުބާރާތުގައި ނިއުރޭޑިއަންޓް ބައިވެރި ވުމަށް ހަމަޖެހިފައި ވަނިކޮށް އެފްއޭއެމުން ވަނީ ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގައި އެޓީމް އެފްއޭއެމްގެ އެންމެހާ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައެވެ. އެހެންކަމުން އެޓީމްގެ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ނިއު އިންވަނީ ޔުނައިޓެޑް ވިކްޓްރީގެ ނަމުގައި އެޓީމްބައިވެރިކޮށްފައެވެ. އެފްއޭއެމް އިން ނިންމާފައިވަނީ ދެ ވަނަ ގްރޫޕުގައި ޔުނައިޓެޑް ވިކްޓަރީ ހިމަނާށެވެ.
މިމުބާރާތުގެ 2 މެޗް މާދަމާ ކުޅޭނެއެވެ. ފުރަތަމަ މެޗް އޮންނާނީ ހަވީރު 4 ޖަހާއިރުއެވެ. މި މެޗްގައި ބައްދަލުކުރާނީ ޓީސީ އާއި ފޯކައިދޫ އެފްސީ އެވެ. އަދި މާދަމާރޭ 9 ޖަހާއިރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ދަ ގޭންގް އެވެ.
މީގެ އަށް އަހަރު ކުރިން ބާއްވަން ފެށި ޔޫތު މުބާރާތް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހު އެވެ. އަލުން 2016 ވަނަ އަހަރު މި މުބާރާތް ފެށިއިރު މިހާތަނަށް ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަކީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ އަދި ކްލަބް އީގަލްސް އެވެ. އަދި މި މުބާރާތް އެންމެ ފަހުން 19 އަހަރުން ދަށަށްހާއްސަކޮށްގެން މިދިޔަ އަހަރު ބޭއްވިއިރު ތަށި އުފުލާލީ ގްރީން ސްޓްރީޓްސް އިންނެވެ.
މިމުބާރާތުގެ އެންމެފަހުގެ މައުލޫމާތު ބޯޅަ އެމްވީ އާއި ބޯޅަ މޯބައިލް އެޕް މެދުވެރިކޮށް ކިޔުންތެރިންނާއި ހަމައަށް ގެންސްދިނުމަށް ވަނީ ހަމަޖެހިފައެވެ. 2018 ވަނަ އަހަރުން ފެށިގެން ބޯޅަ އެމްވީ އަންނަނީ އެފްއޭއެމްގެ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމްތަކުގެ މީޑިޔާ ޕާރޓްނާކަން ކުރަމުންނެވެ.
އެފް.އޭމް.އެމް 21 އަހަރުން ދަށުގެ ޔޫތް ޗެޕްޕިއަންޝިޕް