News
ކޮވިޑް-19 އާއި ގުޅިގެން އެފްއޭއެމްގެ އެއްވެސް މުބާރާތެއް ފަހެއް ނުކުރާނެ
2 މާރިޗު 2020
ހަލުވިކަމާއެކެ ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެއްވެސް މުބާރާތެއް ފަސް ނުކުރާނެ ކަމަށް އެފްއޭއެމް އިން ބުނެފިއެވެ.
އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މީހުން އެއްވެ އުޅޭ ހަރަކާތްތައް މަޑުޖައްސާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އިލްތިމާސްކޮށްފައި އޮތް ނަމަވެސް އެފްއޭއެމްގެ ޝެޑިއުލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
އަދި އެ އިދާރާއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތްތަށް މިހާރުވެސް ރޭވިފައިވާ ގޮތަށް އެ ތާރީހުތަކުގައި ކުރިޔަށް ގެންދާނެ ކަމަށެވެ.
އެހެންނަމަވެސް އެފްއޭއެމް އިން ވަނީ ކުރިޔަށްގެންދާ އަންހެންކުދިންގެ އެކަޑަމީގެ ފަރިތަކުރުންތައް މެދުކަނޑާލާފައެވެ.
އަދި އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައި ސުކޫލުތަކުގެ އިތުރު ހަރަކާތްތައް ހުއްޓާލަން އަންގާފައިވާތީ އެފްއޭއެމް އިން ކުޑަކުދިންނަށް ބާއްވާ ހަރަކާތްތައްވެސް މަޑު ޖައްސާލާފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ މިއަދު ކުޅުމަށް ހަމަޖެހިފައިވާ ލީގުގެ ފަހު މެޗާއި މިމަހުގެ ފަސްވަނަ ދުވަހު ފެށުމަށް ނިންމާފައިވާ އެފްއޭކަޕްވެސް ޝެޑިއުލާއި އެއްގޮތަށް ކުރިޔަށްދާނެ ކަމަށެވެ.
އެފް.އޭ.އެމް