News

އިންޓަ ސުކޫލް ވޮލީބޯޅަ މުބާރާތް ފަސްކޮށްފި

2 މާރިޗު 2020






މިމަހުގެ 22 ގައި ފަށާގޮތަށް ކުރިން ހަމަޖައްސާފައި އޮތް އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ. 

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އޮފިޝަލަކު "ބޯޅައެމްވީ" އަށް ވިދާޅުވީ މުބާރާތް ފަސްކުރީ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19)އާ ގުޅިގެން ސްކޫލްތަކުގެ ހުރިހާ އިތުރު ހަރަކާތްތައް ހުއްޓާލަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާތީ ކަމަށެވެ.

 

އޮފިޝަލް ވިދާޅުވީ ސުކޫލުތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލުމުން ވޮލީ އަށް ޕްރެކްޓިސް ކުރަން ލިބޭ ވަގުތު ކުޑަވާތީއާއި މުބާރާތަށް ތައްޔާރު ވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން މުބާރާތް ފަސްކުރީ ކަމަށެވެ. ދެން މުބާރާތް ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށާއި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވެސް އަލުން ހުޅުވާލާނެ ކަމަށާއި، އެކަން ގެޒެޓްގައި އާންމު ކުރައްވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

 

ސުކޫލުތަކުގެ އިތުރު ހަރަކާތްތައް މަޑު ޖައްސާލުމަށް ނިންމާފައިވާ ނިންމުމަކީ އިއްޔެިން ފެށިންގެން މެއި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އަމަލުކުރަން އަންގާފައިވާ އެންގުމެއް ކަމަށް އެޑިއުކޭޝަން  މިނިސްޓްރީން ބުންޏެވެ.

 

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައިވަނީ މި ދުވަސްވަރު ރާއްޖެއިން ހިމަބިހި ފެނި، ބައެއް ދަރިވަރުން ހިމަބިއްސަށް ޕޮޒިޓިވް ވެފައި ވާތީ އެކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި ނިންމުމަކީ މިފަދަ ހާލަތެއްގައި ރާއްޖެއަށް ކޮރޯނާވައިރަސް އައުމުގެ ބިރު އޮތުމުން ދަރިވަރުން މި ބަލިތަކުން ރައްކާތެރިކުރުމަށް ދުރާލައި ފިޔަވަޅު އެޅުމުގެ ގޮތުން މިނިސްޓްރީން، އެޗްޕީއޭގެ މަޝްވަރާގެ މަތިން ނިންމި ނިންމުމެއް ކަމަށް ވެސް އެޑިއުކޭޝަނުން ވަނީ ބުނެއެވެ.

 

އެޑިއުކޭޝަނުގެ ސާކިއުލާގައި އިތުރަށް ބުނީ ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ މަސައްކަތަށް އެކުލަވާލާފައިވާ ޓާސްކްފޯހުގެ މަޝްވަރާގެ މައްޗަށް ބިނާކޮށް، އެޗްޕީއޭގެ ޓެކްނިކަލް ލަފާ ގަވައިދުން ހޯދަމުންގެންދާނެ ކަމަށެވެ. އިތުރު ހަރަކާތްތައް ކުރިއަށްގެންދާނެ ގޮތެއް ފަހުން އަންގާނެ ކަމަށް އެޑިއުކޭޝަނުގެ ސާކިއުލާގައި ބުނެފައިވެއެވެ.

 

ވީއޭއެމުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންޓަރ ސުކޫލު ވޮލީބޯޅަ މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖައްސާފައި އޮތީ 22 މާރޗް އިން 2 އޭޕްރީލްގެ ނިޔަލަށް މާލޭ ޔޫތު ސެންޓަރުގެ އިންޑޯ ހޯލްގައެވެ.

 

މި މުބާރާތަކީ ހަތަރު އުމުރުފުރައަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. އެ އުމުރު ފުރާތަކަކީ 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. 

 

Volleyball

Leave a Comment:

Comments will be published after moderation.