News

ގްރޫޕް ސްޓޭޖުން ޖާގައެއް ކަށަވަރުކުރަން ބޭނުން ވަނީ މޮޅަކާއެކު - ސެކުލޮސްކީ

26 ފެބްރުއަރީ 2020






އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާއަށް ނިސްބަތްވާ ގްރޫޕް އީ އިން ޖާގަ ހޯދަން ބޭނުން ވަނީ ބެންގަލޫރު އެޓީމުގެ އަމިއްލަ ދަނޑުގައި ބަލިކޮށްގެން ކަމަށް މާޒިޔާގެ މެސެޑޯނިއާ ކޯޗު މަރިޔާން ސެކުލޮވްސްކީ ބުނެފި އެވެ.

ޕްލޭއޮފްގެ ފަހު މެޗާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސެކުލޮވްސްކީ ބުނީ މެޗުން އެއްވަރުވެގެން ވެސް މާޒިޔާ ގްރޫޕް ސްޓޭޖަށް ކޮލިފައިވާނެ ކަމަށާއި ނަމަވެސް ބޭނުން ވަނީ ރަށުން ބޭރުގައި މޮޅަކާއެކު ގްރޫޕުން ފުރުސަތު ހޯދުން ކަމަށެވެ.

ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ އަދި މުއްސަންދި އެއް ކުލަބުގެ ގޮތުގައި އޮތް ބެންގަލޫރު އެފްސީ މާޒިޔާ އާއި ދެކޮޅަށް މަރުގެ މެޗަށް ނިކުންނައިރު އެގްރިގެޓް ނަތީޖާއިން ކުރީގައި އުޅެނީ މާޒިޔާ އެވެ. ގަލޮޅު ދަނޑުގައި ކުޅުނު މެޗުން އެޓީމު ވަނީ ބެންގަލޫރުގެ މައްޗަށް 1-2 ކުރި ހޯދާފައެވެ. އެމެޗުގައި މާޒިޔާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޯނަލިއަސް ސްޓްވާޓް އާއި އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) އެވެ. 

ސެކުލޮވްސްކީ ބުނީ މެޗުން އެއްވަރުވިޔަސް އެއީ މަޒިޔާއަށް ރަނގަޅު ނަތީޖާއެއް ކަމަށެވެ. ނަމަވެސް އަމާޒަކީ މެޗު ކާމިޔާބުކުރުން ކަމަށް އޭނާ ބުންޏެވެ. އިތުރަށް ވާހަކަ ދައްކަމުން ސެކުލޮސްކީ ބުނީ ފުޓުބޯޅައިގައި ކޮންމެ ޓީމަކުން ވެސް ބޭނުން ވަނީ މޮޅުވާން ކަމަށެވެ. އެހެން ކަމުން މާޒިޔާ ވެސް އަމާޒު ހިފަނީ މެޗުން ކުރި ހޯދުމަށްކަމަށެވެ. 

މިއަދު ރާއްޖެ ގަޑިން 7:00 ގައި ފަށާ މެޗުން އެގްރިގެޓް ނަތީޖާއިން ކުރި ހޯދާ ޓީމަކަށް އޭއެފްސީ ކަޕް 2020 ގްރޫޕް އީ އިން ފުރުސަތު ލިބިގެން ދާއިރު ދެކުނު އޭޝިއާގެ ޓީމުތަކުގެ މައްޗަށް އެކުލެވޭ މި ގްރޫޕަށް މިހާތަނަށް ކޮލިފައިވެފައި ވަނީ 2018 ވަނަ އަހަރުގެ ދިވެހި ލީގު ޗެމްޕިއަން ޓީސީ އާއި އިންޑިޔާގެ އައި ލީގު ޗެމްޕިއަން ޗެންނާއި ސިޓީ އަދި ކުރީގެ ނިއު ރޭޑިއަންޓުގެ ކޯޗު އޮސްކާ ބްރުޒޯންގެ އިރުޝާދުގެ ދަށުން މުބާރާތައް އަލަށް ނިކުންނަ ބަންގްލަދޭޝްގެ ގަދަ ބާރު ބަސަންދުރަ ކިންގްސް އެވެ. 

AFC Cup Maziya Sports and Recreation Club

Leave a Comment:

Comments will be published after moderation.