News

ނިލަންދޫގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

20 ޖެނުއަރީ 2020






ފ.ނިލަންދޫގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގުމުގެ އެއްބަސްވުމެއްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ނިލަންދޫ ސްޕޯޓްސް ކްލަބާއި ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި ސޮއިކޮށްފިއެވެ.

އެފްއޭއެމް ހައުސްގައި މިއަދު މެންދުރު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި އެފް.އޭ.އެމްގެ ފަރާތުން ސޮއިކުރެއްވީ އެފް.އޭ.އެމް ގެ ޖެނެރަލް ސެކްރެޓަރީ ޙުސައިން ޖަވާޒް (ޖަވާ)އެވެ. ނިލަންދޫ ސޕޯރޓްސް ކްލަބްގެ ފަރާތުން ސޮއިކުރީ ކްލަބްގެ ރައީސް އަންވަރު ޢަލީއެވެ.

މިއެއްބަސްވުމުގެ ދަށުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއެކަޑަމީ ކުރިޔަށް ގެންދިއުމުގެ ގޮތުން އެކަޑަމީގެ ބައިވެރިންނަށް ބޭނުންވާނެ ޖާރޒީއާއި ބޯޅަ ފަދަ ތަކެއްޗާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭއިރު ނިލަންދޫ ސްޕޯރޓްސް ކްލަބްގެ ފަރާތުން އެކަޑަމީ ހިންގުމަށް ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އެކަޑަމީއަށް ބޭނުންވާނެ ކޯޗުންނާއި އެޑްމިނިސްޓްރޭޓިވް މީހުން ހޯދުމާއި ކޮންމެ ހަފްތާއެއްގައިވެސް ވަކިވަރަކަށް ސެޝަންތައް ކުރިޔަށް ގެންދިއުމާއި އަހަރަކު އެއްފަހަރު މުޅި ފާފު އަތޮޅަށް ހުޅުވާލައިގެން މުބާރާތެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުން އެކަޑަމީގެ އެޑްމިނިސްޓްރޭޓިވް އެންެމެހާ މަސައްކަތްތަކެއްވެސް ބަލަހައްޓާނީ ނިލަންދޫ ސްޕޯރޓްސް ކްލަބުންނެވެ.

ފީފާ އެޓޯލް ޕްރޮޖެކްޓް ފާފު އެޓޯލް ޓްވާރޑްސް ފިއުޗާރގެ ދަށުން ކުރިޔަށް ގެންދިުއމަށް ހަމަޖެހިފައިވާ މިއެކަޑަމީގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް މިފުރުޞަތު މިހާރުވަނީ ނިލަންދޫ ސްޕޯރޓްސް ކްލަބުން ހުޅުވާލާފައެވެ. ޢުމުރުން 5 އަހަރު ފުރި 16 އަހަރު ނުފުރޭ ކޮންމެ ކުއްޖަކަށްވެސް އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު އޮތްއިރު އެކަޑަމީގެ ޓެކްނިކަލް ޑައިރެކްޓަރެއް ގޮތުގައި މަސައްކަތް ކުރައްވާނީ ނިލަންދޫ ސްޕޯރޓްސް ކްލަބްގެ ކޯޗް އަޙުމަދު މުޖުތަބާ (ފެސްކޯ)އެވެ.

ނިލަންދޫ ސްޕޯރޓްސް ކްލަބުން މިހާރު މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް އެކަޑަމީގެ މަސައްކަތްތައް ފެއްޓުމަށެވެ. އެގޮތުން އެކަޑަމީ ހިންގުމަށް ބޭނުންވާ ބައެއް ސާމާނު މިހާރުވަނީ ނިލަންދޫއަށް ގެނެސްފައެވެ.

 

F.Nilandhoo FAM

Leave a Comment:

Comments will be published after moderation.