News

ލީގުގައި މާޒިޔާ އަށް ބާކީ ތިން މެޗް އޮތްވައި ޗެމްޕިއަންކަން ހޯދައިފި

20 ޖެނުއަރީ 2020






ދިވެހި ޕްރިމިއަރ ލީގުގައި ބާކީ ތިން މެޗް އޮތްވައި މާޒިޔާ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރޭ ކުލަބު ގްރީން ސްޓްރީޓްސްގެ މައްޗަށް މާޒިޔާ އިން ކުރި ހޯދީ 5-1 ގެ ނަތީޖާ އަކުންނެވެ. މާޒިޔާއަށް ލީގް ކަށަވަރުވި ސަބަބަބަކީ، ތާވަލުގެ ދެ ވަނައިގައި އޮތް ކުލަބު އީގަލްސް މިދިޔަ ބުރާސްފަތި ދުވަހު ޓީސީ އަތުން ބަލިވުމުން މާޒިޔާއާ ފަރަގް ކުޑަ ކުރަން ފުރުސަތު ގެއްލުމުންނެވެ.

މާޒިޔާއިން ލީގް ކަށަވަރު ކުރުމުން އެ ޓީމު ވަނީ 2021 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ރާއްޖޭގެ ޓީމަށް ލިބޭ ޖާގަ ކަށަވަރު ކޮށްފަ އެވެ. މިއީ މާޒިޔާއިން ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރެވެ. އެ ޓީމުން ފުރަތަމަ ލީގް ޗެމްޕިއަންކަން ހޯދީ 2016 ވަނަ އަހަރު އަލީ ސުޒޭންގެ ކޯޗް ކަމުގަ އެވެ.

ރޭގެ މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބު ކުރީމަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ. އަދި މާޒިޔާގެ ދެ ވަނަ ލަނޑު އިއްބެ ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓްގަ އެވެ.

 

މެޗުގައި ގްރީން ސްޓްރީޓްގެ ކެޕްޓަން މިސްރުގެ ޑިފެންޑަރު މަހްމޫދުލް އަލް ސައީދު ވަނީ މެޗުގެ 49 ވަނަ މިނެޓްގައި ގްރީންގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑާއެކު ގްރީންގެ ކުޅުންތެރިން ހިތްވަރެއްލައިގެން ކުޅެން މަސައްކަތް ކުރި އެވެ. އެހެންނަމަވެސް އެ ޓީމުގެ ކުޅުމަށް އަސަރު ކުރީ ޑިފެންސުން ހެދުނު ގޯހަކުން ބައިކޮޅަށް ވަން ލަނޑުންނެވެ.

މާޒިޔާގެ ތިން ވަނަ ލަނޑު 73 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް އައިސަމް (ޓޯނީ) އެވެ. މިއީ ޖަނަވަރީ ޓްރާންސްފާގައި ޓީސީ ދޫކޮށް މާޒިޔާއަށް ބަދަލުވި ޓޯނީ މާޒިޔާގެ ޖޯޒީގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.

މި މެޗުގައި ހަމްޒާ މުހައްމަދު (ހަމްޕް)ޖެހި ދެލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 73 ވަނަ މިނެޓްގަ އެވެ. މާޒިޔާގެ ފަސް ވަނަ ލަނޑު ހަމްޕް ކާމިޔާބު ކުރީ އޭރިއާގެ އަރިމަތިން އަރައި ކޯނޭ ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

މާޒިޔާގެ ކޯޗް، މަރުޔާން ސެކްލޮވްސްކީ ބުނީ، ލީގް ކަށަވަރު ކުރިނަމަވެސް ކުރިއަށް ހުރި މެޗުތައް ފަސޭހަ ނުކުރާނެ ކަމަށެވެ. އަދި އޭނާގެ ޓީމުން ވިސްނާނީ ފެއާޕްލޭއަށް ކަމަށާއި އެހެންވެ ކުރިއަށް ހުރި މެޗުތަކަށްވެސް ބަދަލުތަކާއެކު ވަރުގަދައަށް ނުކުންނާނެ ކަމަށެވެ.

ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ސުޒޭން ބުނީ، ބައެއް ކަންކަން ހަމަނުޖެހޭތީ އެ ޓީމަށް ގަވައިދުން ޕްރެކްޓިސް ނުކުރެވޭ ކަމަށެވެ. އަދި ކަންކަން ހަމަނުޖެހި ހުރުމުން މެޗުގައި ކުޅުންތެރިން މޯޓިވޭޝަން ވަރަށް ބޮޑަށް ދަށް ވެފައި ހުރިކަން ސުޒޭން ފާހަގަ ކުރި އެވެ.

Club Green Streets DPL2019-20 Maziya Sports and Recreation Club

Leave a Comment:

Comments will be published after moderation.