News
ޓޮޕްލަކް، ކުޅިވަރު އެތްލީޓުންނަށް ނަމޫނާއެއް!
19 ޖެނުއަރީ 2020
ތޮލާލް ހަސަން އޭ ބުނުމުން ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ނަމަވެސް ދިވެހި ފުޓުބޯޅަ ކިރިޔާވެސް ބަލާ މީހެއްނަމަ ޓޮޕްލަކް އޭބުނުމުން އެނގޭނެއެވެ. ދައްކަން މިއުޅޭ ވާހަކަ އަޑު އިވުނުހިނދު އަޅުގަނޑުވެސް ހަމަ ހައިރާންވިއެވެ. އެހެންވެ މިވާހަކަ ކިޔުންތެރިންނާއި އަދި ކުޅިވަރު ކުޅުންތެރިންނާއި ހަމައަށް ގެނެސްދިނުމުގެ ޝައުގުވެރިކަން އަޅުގަނޑުގެ އުފެދުނީއެވެ.
ތޮލާލް ހަސަން(ޓޮޕްލަކް) އެންމެ ކުޑައިރުއްސުރެންވެސް ދެކެމުން އައި ހުވަފެނަކީ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް ވުމުގެ ފޮނި އުއްމީދެވެ. އަދި ކޮންމެވެސް ދުވަހަކުން ރާއްޖޭގެ ސީނިޔަރ ގައުމީޓީމުގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ ނެގުމުގެ ހުވަފެން ދެކެމުން އައި ޓޮޕްލަކްގެ ހުވަފެނުގެ ކުލަ ޖެހެން ފެށި ހިސާބަކީ ރާއްޖޭގެ ޖޫނިއަރ ގައުމީޓީމް ތަކުން ފުރުސަތު ލިބެން ފެށި ހިސާބުންނެވެ. އެގޮތުން ޓޮޕްލަކް ވަނީ ރާއްޖޭގެ 14 އަހަރާއި 16 އަހަރާއި 19 އަހަރު އަދި 23 އަހަރުން ދަށުގެ ގައުމީޓީމަށް ކުޅެފައެވެ.
|
ޓޮޕްލަކް 14 އަހަރުންދަށުގެ ޓީމާއިއެކު (ޖަރޒީ ނަންބަރ1) |
ސްކޫލް ނިމުމަށްފަހު ރާއްޖޭގެ އިމިގްރޭޝަން( މިހާރު އިމިގްރޭޝަން އޮފިސަރ)ގެ ވަޒީފާ އަދާކުރަމުން އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްތަކްފެށިއެވެ. ނަމަވެސް އެކަން ވެގެން ދިޔައީ އޭނާއަށް ބޮޑު ޗެލެންޖަކަށެވެ. އެއީ އަދާކުރަން ޖެހޭ ވަޒީފާ އަކީ ޝިފްޓް ޑިއުޓީ އޮންނަ ތަކަކަށް ވުމުން ފުދޭވަރަކަށް އުދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ. ޑިއުޓީ ނިންމާފަ އައިސް ޕްރެކްޓިސްތަކަށް ދިއުމަކީ ފަސޭހަ ކަމެއް ނޫންކަމެއްކަމަށް ޓޮޕްލަކް ބުންޏެވެ. ނަމަވެސް ވަޒީފާ ދުލެއް ނުކުރެއެވެ. އެގޮތުން މިހާރު ޓޮޕްލަކް އިމިގްރޭޝަންގައި ވަޒީފާ އަދާކުރާތާ 12 އަހަރު ވެއްޖެއެވެ. އަދި ފުޓުބޯޅަ ކުޅުންވެސް ހުއްޓައެއް ނުލައެވެ.
|
ޓޮޕްލަކް އޮފީސް ޔުނިފޯމުގައި |
2011 ވަނަ އަހަރު ވީބީ އައްޑޫ އެފްސީ އިން ނިކުމެ ސީނިޔަރ ފުޓުބޯޅަ ކެރިއަރ ފެށި ޓޮޕްލަކް ފެނިގެން ދިޔައީ އޭރުގެ އެންމެ ޒުވާން ގޯލް ކީޕަރުންގެ ތެރެއިން ކުރިމަގު އޮތް ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް އޭގެ އެއް އަހަރުފަހުން ކްލަބް އީގަލްސް އަށް ލޯންގެ ދަށުން އޭނާ ބަދަލުވިއެވެ. އެއީ 2012 ވަނަ އަހަރެވެ. އެހަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އޮތް ފަރިތަކުރުމުގައި ޓޮޕްލަކް އަށް އަނިޔާވިއެވެ. އެހެން ނަމަވެސް އެއީ އެހާބޮޑު އަނިޔާ އެއްކަމަށް ނުބަލައި ކުޅުން ކުރިޔަށް ގެންދިޔައެެވެ.
|
ޓޮޕްލަކް އިންޖަރީވެފައި |
އޭގެ ފަހުން އެއްދުވަހު ހެނދުނު ހޭލިއިރު ކޮޅަށް ނުހުރެވުނު ކަމަށް ޓޮޕްލަކް ބުންޏެވެ. އަދި ވައަތު ފައިގައި އެއްވެސް ބާރެއް ނެތެވެ. ޕެރެލައިޒްވެފައެވެ. ގިނަ އިރު އިޝީންދެގެން ވެސް ނީންދެވޭކަމަށް އޭނާ ބުންޏެވެ. ހޮސްޕިޓަލަށް ދެއްކުމުން ނިއުރޯސާޖަން އެއް ރާއްޖޭގައި އޭރު ނެތްކަމަށް ބުނުމުން ލަންކާގެ ޑާރޑަން ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރ ވިދާޅުވީ ވީހާވެސް އަވަހަށް އޮޕަރޭޝަން ކުރުމަށެއެވެ. މައިބަދައިގެ ދެނާރު ފިތިފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރ ވިދާާޅުވިއެވެ.
" ދެން ދުވަހަކުވެސް ފުޓުބޯޅަ ނުކުޅެވޭނެ ކަމަށްވިދާޅުވި. އަދި ޚާއްސަ ކޮށް ގޯލް ކީޕަރަކަށް ދެން ނުކުޅެވޭނެ ކަމަށް ޑޮކްޓަރ ވިދާޅުވި. އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ނުވާނެ ކަމަށް ބުނުމުން ވަރަށް ޑިޕްރެސްވި" ކަމަށް ޓޮޕްލަކް ބުންޏެވެ.
ކެރިއަރ ފަށައިގެން އެހާ ކުރީކޮޅު ކެރިއަރ ނިންމާލަންް ޖެހޭ ކަން އެނގުމުން އެއްމަސް ވަންދެން ރަނގަޅަށް ނުވެސް ނިދޭކަމަށް ޓޮޕްލަކް ބުންޏެވެ. އަދި ފުޓުބޯޅަ އާއި ނުލައި ދިރިއުޅުން ނިމުނީ ކަހަލަ އިހްސާސެއް ކުރެވިގެން ދިޔަކަމަށް ޓޮޕްލަކް ބުންޏެވެ.
|
ޓޮޕްލަކް ސަރޖަރީއަށްފަހު |
ސާރޖަރީއަށް 5 މަސް ވެގެން ދިޔައިރު ކުރިޔަށްވުރެ ބަރުދަން ބަރު ވަމުން ދިޔުމުން ޖިމަކަށް ދާން ނިންމި ކަމަށް ޓޮޕްލަކް ބުންޏެވެ. އަދި ސާޖަރީގެ ފަހުން އެކްޓިވްކޮށް އުޅުމަށް ޑޮކްޓަރު ވެސް ލަފާދީފައިވާތީ ވެސްމެއެވެ.
" ދެން އަޅުގަނޑު ދިޔައީ ޒިނާން(ޓީއެފްޖީ) ކައިރިއަށް، ފުޓުބޯޅަ ކުޅެވޭނެ އެއްވެސް ވަރެއްގެ އުއްމީދެއް އޮތްތޯބަލަން. އޭނަ ކައިރިޔަށް ދިޔުމުން ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބުނު އަނެއްކާނެސް ކުޅެވިދާނެކަމުގެ. ދެން ޒިނާންގެ އިތުރުން އަޅުގަނޑުގެ އަންހެނުންނާއި އާއިލާގެ އެހީތެރިކަމާއި އެކު އަލުން އަނބުރާ ދަނޑަށް ނިކުތުމުގެ މަސައްކަތް ފެށީ" ކަމަށެވެ.
|
ޓޮޕްލަކް ޖިމަށް ނިކުތުމަށްފަހު |
ބަރާބަރު އެއް އަހަރާއި ހަމަސްތެރޭ ދަނޑަށް ނިކުމެވޭވަރަށް އޭނާ ފިޓްވިކަމަށް ޓޮޕްލަކް ބުންޏެވެ. ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅެވޭވަރަށް ފިޓްކޮށްދިނުމަށް ޒިނާން ކޮށްދިން މަސައްކަތްތައް ދުވަހަކުވެސް ހަނދާން ނުނެތޭނެކަމަށް ޓޮޕްލަކް ބުންޏެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް ވިސްްނުވައިދެމުން ދިޔައީ ރަނގަޅަށް މަސައްކަތް ކޮށްފިނަމަ އެކަމުން އަރައިގަނެވޭނެ ކަމަށެވެ.
އިންޖަރީ މުޅިން ރަނގަޅުވެ އެންމެ ކުޑައިރު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އަނެއްކާވެސް މަސައްކަތް ފެށީއެވެ. އެގޮތުން އިންޖަރީ އަށްފަހު 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވެލެންސިޔާއާއި ދެކޮޅަށް ފުރަތަމަ މެޗް ކުޅުނެވެ. ވީބީ އައްޑޫ އެފްސީ އެއަހަރު ކުޅުނު ހުރިހާ މެޗެއް އޭނާވަނީ ކުޅެފައެވެ. ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރަމުން އައެވެ. ބަރާބަރަށް ޖިމަށް ދިޔުމާއި ކްލަބް ޕްރެކްޓިސް އަށް %100 ދެމުންނެވެ.
ޓޮޕްލަކް ބުނީ އޭނާގެ ސާޖަރީ ހެދި ޑޮކްޓަރަށް ފަހުން ދައްކަން ދިޔުމުން އޭނާ ވެސް ހުރީ ހައިރާންވެފަކަމަށެވެ. އަދި އެހާ އަވަހަށް ރިކަވަރވީ ކިހިނެއް ހަދައިގެންތޯ ވެސް ސުވާލު ކުރިކަމަށެވެ.
|
އިންޖަރީއަށްފަހު ކުޅުނު ފުރަތަމަ މެޗް |
ޓޮޕްލަކްގެ ހުވަފެން ހަގީގަތަކަށް ވުމުގެ ކޮޅުމަތި ފެންނަން ފެށީ 2016 ވަނަ އަހަރު ސީނިއަރ ސްކޮޑުން ޖާގަ ލިބުނު ހިސާބުންނެވެ. ނަމަވެސް އެއަހަރު ފައިނަލް ސްކޮޑުން އޭނާއަށް ޖާގައެއް ނުލިބުނެވެ. 2018 ވަނަ އަހަރު ރާއްޖޭގެ ސީނިއަރ ޓީމް ސިންގަޕޫރާއި ބޫޓާން އާއި ދެކޮޅަށް ކުޅުނު މެޗްގެ ސްކޮޑުން ވެސް އޭނާ އަށް ވަނީ ޖާގަ ލިބިފައެވެ. އަދި ހަމަ އެ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމްގެ ސްކޮޑުގައިވެސް ޓޮޕްލަކް ވަނީ ހިމެނިފައެވެ.
|
2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް |
ޓޮޕްލަކް ދެކެމުން އައި ހުވަފެން ހަގީގަތަކަށްވެގެން ދިޔައީ 2018 ވަނަ އަހަރު މެލޭޝިޔާ އާއި ރާއްޖޭގެ ގައުމީ ޓީމް ބައްދަލު ކުރި މެޗެއްގައި ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ހިސާބުންނެވެ. ގައުމު ތަމްސީލު ކުރުމަކީ ޓޮޕްލަކް އަބަދުވެސް ދެކެމުން އައި ހުވަފެނެވެ. ގައުމީޓީމުގައި މިވީ ދެއަހަރު ތެރޭ މިހާތަނަށް ގައުމީޓީމަށް އޭނާވަނީ ދެމެޗް ކުޅެފައެވެ.
|
ޓޮޕްލަކް ގައުމީ ޓީމާއިއެކު |
ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް ޓޮޕްލަކްގެ މެސެޖަކީ އެމީހެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ގަދައަޅާ މަސައްކަތް ކޮށްފިނަމަ އެއްވެސް ކަމަކީ ނުވާނެކަމެއް ނޫނެވެ. އެމީހެއްގެ ޓާގެޓަށް ވާސިލުވުމަށްޓަކައި ބޭނުންވަނީ ހިތްވަރާއި އަޚްލާގާއި މަސައްކަތެވެ. ތެދެކެވެ. ކެރިއަރުގެ އެހާ ކުރީކޮޅު އެއްފައި ވާގިނެތި (ޕެރެލައިޒްވެ) ދިރިއުޅުން މަތިން ފޫހިވި މީހަކު އަލުން އަނބުރާ ކުރީގަ ހުރި މަގާމަށް އައުމަށް އަދި ދެކެމުންއައި ހުވަފެން ހަގީގަތަކަށް ހެދުމަށް ލައްކަ ބުރަ މަސައްކަތް ކުރަންޖެހޭނެއެވެ. ޓޮޕްލަކް އަކީ މީގެ މިސާލެކެވެ. ބަލި އެނދުން ތެދުވެ ގައުމީ ޓީމަށް ކުޅެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައިފިއެވެ.
|
ގައުމީޓީމުގައި |
ޕްރިމިއަރ ލީގުގެ ދެވަނަ ރައުންޑްގައި ޓޮޕްލަކް ފެނިގެން ދިޔައީ ޔުނައިޓެޑް ވިކްޓްރީ(ޔޫވީ) އިންނެވެ. ޔޫވީ އަށް ލީގު ނިމިފައިވާތީ ސީޒަންގެ ބާކީ އޮތްބައިގައި އޭނާ ފެނިގެންދާނީ ފޯކައިދޫ ފުޓުބޯޅަ ކްލަބުންކަމަށް ޓޮޕްލަކް ބުންޏެވެ.
Foakaidhoo Sports Club United Victory








