News
ފުޓުބޯޅަ ކުރި އެރުވުމަށް ބުރަ މަސައްކަތް ކުރާ ރަށެއް! ފުލު ފުލުގައި މުބާރާތްތައް.
18 ޖެނުއަރީ 2020
ނިލަންދޫ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ނިލަންދެޫ ޔަންގް ޖެނެރޭޝަނުން އިންތިޒާމުކޮށްގެން 16 އަހަރުންދަށުގެ ކުދިންނަށް އަމާޒުކޮށްގެން ނިލަންދޫގައި ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.
މިއީ ނިލަންދޫ ޔަންގް ޖެނެރޭޝަނުން ނިލަންދޫގައި ކުރިޔަށް ގެންދާ ގްރީން އެކަޑަމީ އިފްތިތާޙު ކުރުމަށްފަހު އެކަޑަމީގެ ބައިވެރިންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ މުބާރާތެކެވެ. މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ނިލަންދޫ ފުޓްސަލް ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި މުބާރާތް ފައްޓަވައިދެއްވީ ނިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލެވެ. މިރަސްމިއްޔާތުގައި ނިލަންދޫ އިޖުތިމާޢީ މަރުކަޒުގެ ޔޫތު އެސޯސިއޭޓް މުޙައްމަދު ޚަލީލުވެސް ބައިވެރިވަޑައިގެންނެވިއެވެ.
އެކަޑަމީން ބާއްވާ ފުރަތަމަ ޗެމްޕިއަންޝިޕް ގައި އެކަޑަމީގައި ހިމެނޭ ކުދިންތައް 3 ޢުމުރުފުރާއަކަށް ބަހާލައިގެން 9 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ޢުމުރުފުރާގައި ކޮންމެ ޢުމުރުފުރާއަކުން 3 ޓީމު އެކުލަވާލާފައިވެއެވެ. އަދި 13 އަހަރުންދަށުގެ ޢުމުރު ފުރާގައި 4 ޓީމު ހިމަނާފައިވެއެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި 9 އަހަރުން ދަށުގެ ޢުމުރުފުރާގައި ގްރީން ޓީމާއި ބްލޫ ޓީމު ވާދަކޮށް 1 ލަނޑު 0 ލަނޑުން މެޗްކާމިޔާބުކުރީ ގްރީން ޓީމެވެ. މޮޅުކުޅުންތެރިޔަކަށް ހޮވުނީ ގްރީން ޓީމުގެ ވިއާމް ޢަބްދުލް ވާޙިދެވެ. 2 ވަނަ މެޗްގައި 16 އަހަރުން ދަށުގެ ޢުމުރުފުރާގައި އޮރެންޖް ޓީމާއި ގްރީން ޓީމު ވާދަކޮށް 6 ލަނޑު 2 ލަނޑުން މެޗްކާމިޔާބުކުރީ އޮރެންޖް ޓީމެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮރެންޖް ޓީމުގެ ސައިފް ޢަލީއެވެ. މިމަހު 17 ވަނަ ދުވަހުން ފެށިގެން ކުރިޔަށްދާ މުބާރާތުގެ 9 އަހަރުންދަށާިއ 16 އަހަރުން ދަށުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 23 ވަނަ ދުވަހު ހަވީރުއެވެ. 13 އަހަރުންދަށުގެ ފައިނަލް މެޗް އޮންނާނީ 24 ވަނަ ދުވަހު ހަވީރުއެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ފަށައިގެން ކުރިޔަށް ގެންދާ ގްރީން އެކަޑަމީގައި ގިނަ ޢަދަދެއްގެ ދަރިވަރުން ހިމެނޭއިރު އެކަޑަމީ ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މީލާދީ އާއަހަރު ފެށުމާއި ދިމާކޮށް ގްރީން އެކަޑަމީން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލް ޣަނީއެވެ. އެރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު އެކަޑަމީގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި ދަރިވަރުން ހޮވާ އެކުދިންނަށް ޢިނާމާއި ޓްރޮފީ ޙަވާލުކޮށްފައިވެއެވެ.
ގްރީން އެކަޑަމީގެ ޙަރަކާތްތައް ފޯރިޔާއެކު ކުރިޔަށްދާއިރު ނިލަންދޫ ސްޕޯރޓްސްކްލަބްގެ ފުޓްބޯލް އެކަޑަމީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ގުޅިގެން ނިލަންދޫގައި ފެށުމަށް މިހާރުދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިހާރުވަނީ އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު ޢުމުރުން 5 އަހަރު ފުރި 16 އަހަރު ނުފުރޭ ކުދިންނަށް ހުޅުވާލާފައެވެ. ފީފާ އެޓޯލް ޕްރޮޖެކްޓް ފާފު އެޓޯލް ޓްވާރޑްސް ފިއުޗާރގެ ދަށުން ކުރިޔަށް ގެންދާ އެކަޑަމީގެ ޓެކްނިކަލް ޑައިރެކްޓަރެއްގޮތުގައި މަސައްކަތް ކުރައްވާނީ ނިލަންދޫ ޓީމުގެ ކޯޗް އަޙުމަދު މުޖުތަބާ (ފެސްކޯ)އެވެ. އެކަޑަމީ ފެށުމަށް ތައްޔާރުވާއިރު މިވަގުތަށް ދިމާވެފައިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ނިލަންދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރަމުންދާތީ މިވަގުތަށް ޕްރެކްޓިސް ކުރާނެ އެކަށީގެންވާ ރަނގަޅުތަނެއް ނިލަންދޫގައި ނެތުމުގެ މައްސަލައެވެ. ދަނޑުގައި ޓާފްއެޅުމުގެ މަސައްކަތުގެ ދަށުން ދަނޑުގައި ކުރަންޖެހޭ މަސައްކަތްތައް ނިމުމަކާ ހަމަޔަށް އައިސްފައިވީނަމަވެސް ދަނޑުގައި އަޅާ ޓާފް އަދިވެސް އެރަށަށް ލިބިފައެއް ނުވެއެވެ.
ނިލަންދޫގެ އެކި އެކި ޖަމިއްޔާ ތަކުން އިސްނަގައިގެ ކޮންމެ އަހަރަކު ގިނަ މުބާރާތް ތަކެއް ދަނީ ބާއްވަ މުންެނެވެ. ނިމި ދިޔަ އަހަރު ވެސް އެ ރަށުގައި ވަނީ އެކި އުމުރުފުރާތަކަށް ޚާއްސަ ކޮށް ގިނަ މުބާރާތްތަކެއްް ބާއްވާފައެވެ.
F.Nilandhoo