News
މިސީޒަންގެ ޓްރާންސްފަރ މާކެޓް ބަންދުވެއްޖެ
16 ޖެނުއަރީ 2020
ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރު ނިމުމާއިއެކު ހުޅުވާލި ޓްރާންސްފާ މާކެޓްގެ ވަގުތު ރޭ ބާރަގަޑި ސުންމިނެޓަށް ހަމަވެއްޖެއެވެ.
ޓްރާންސްފާ މާކެޓްގެ ވަގުތު ހަމަވި އިރު ލީގުގައި މިހާރު ވާދަ ކުރަމުންދާ 6 ޓީމުންވަނީ ކުޅުންތެރިން ގެނެސް ޓީމްތައް ކުރިޔަށް ވުރެ ވަރުގަދަ ކޮށްފައެވެ. އެގޮތުން ޓްރާންސްފަރގައި އެންމެ ފާހަގަ ކޮށްލެވޭ ދެކުލަބަކީ އޭއެފްސީ ކަޕްގައި ރާއްޖެއިން ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.
މާޒިޔާ އިންވަނީ އެޓީމު އޭއެފްސީ ކަޕަށް ވަރުގަދަ ކުރުމަށްޓަކައި ބިދޭސީ ދެ ކުޅުންތެރިންވަނީ އެޓީމަށް ގެނެސްފައެވެ. ސާބިއާގެ ފުރަތަމަ ޑިވިޝަނުގައި ކުރިން ކުޅެފައިވާ ޑިފެންޑަރެއް ކަމަށްވާ ޕީޓާ ޕްލެނިޗް އާއި އަފްގާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު މުހައްމަދު ޝާރިފް ވަނީ އެޓީމަށް ގެނެސްފައެވެ. މި ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންއައި ދެކުޅުންތެރިންކަމަށްވާ ހުނަރުވެރި ޒުވާން މިޑްފީލްޑަރު އިބްރާހިމް އައިސަމް އާއި މުހައްމަދު ސާމިރު ވަނީ މާޒިޔާ އާއި ގުޅިފައެވެ.
ޓީސީ ސްޕޯޓްސް ކްލަބަށް ބަލާއިރު އެޓީމުން ވަނީ ރާޢްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް(ދަގަނޑޭ)ގެ އިތުރުން ފޯކައިދޫ އެފްސީ އަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންއައި މިސުރުގެ ދެކުޅުންތެރިންކަމަށްވާ ސައްޔިދު މަހްމޫދު (ރާމޯސް) އާއި ޚަލީލް ގަމަލް އާއި ފޯކައިދޫގެ ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބް އަދި އަލީ ސާމިހް (ތޮއްޕެ) ޓީސީއަށް ގެންގޮސްފައެވެ. އަދި މި ސީޒަނުގައި މާޒިޔާގައި ރަނގަޅު ކުޅުމެއް ދެއްކި ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އޭނާ ކުރިން ކުޅުނު ޓީސީ ސްޕޯޓްސް ވަނީ ބަދަލުވެފައެވެ.
ދެން އެނެމް ފާހަގަ ކުރެވޭ ޓީމަކަށް ފެނިގެންދިޔައީ ކްލަބް އީގަލްސްއެވެ. އީގަލްސް ވަނީ ށ. ފޯކައިދޫ އަށް ކުޅުނު ޒުވާން ފޯވާޑް ހަސަން ނަޒީމް (ޗޯޓު) އާއި ފ. ނިލަންދޫ ޓީމަށް ކުޅުނު ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ (ޓޮޝީ)ގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް އަށް މި ސީޒަނުގައި ކުޅެމުން އައި ރިހާމް އަބްދުލް ގަނީ (ބޮބީ) އެޓީމަށް ގެނެސްފައެވެ. އަދި ރާއްޖޭގެ ގައުމީ ޓީމަށާއި ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބް ތަކަށް ކުޅެ ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ފަރުހާދު އިސްމާއިލް (ފަރޭ) ވެސް ވަނީ ސީޒަންގެ ބާކީ އޮތް ބައިގައި އީގަލްސް އަށް ކުޅެން އެއްބަސް ވެފައެވެ.
އެންމެ ގިނަ ކުޅުންތެރިން އެހެންޓީމްތަކަށް ބަދަލުވި އެއްޓީމަކީ ފޯކައިދޫ އެފްސީއެވެ. ނަމަވެސް އެޓީމުންވަނީ އެޓީމުން ދިޔަ ކުޅުންތެރިންގެ ބަދަލުގައި ކުޅުންތެރިން ގެނެސްފައެވެ. އެގޮތުން މި ސީޒަންގައި ވިކްޓްރީން ފެނިގެންދިޔަ ސަޔަމް ސައީދާއި ވިކްޓްރީގެ ކެޕްޓަންގެ އިތުރުން ރާއްޖޭގެ ގިނަ ކްލަބްތަކަކަށް ކުޅެފައިވާ ސްޕެއިންގެ ފޯވަޑް އެންހެލް ކަރެސްކޮސާ މުނޯޒް އާއެކު އިތުރު ހަ ކުޅުންތެރިން ށ. ފޯކައިފޫ ފުޓުބޯޅަ ޓީމާ ވަނީ ގުޅިފައެވެ. ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އާއި ފ. ނިލަންދޫ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މިސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ގާނާ ޑިފެންޑަރު ސެމިޔުލް ލަމްޕްޓީގެ އިތުރުން ޓީސީއަށް ކުޅެމުން އައި އާދަމް އިޝާމް (ސަން) ސީޒަންގެ ބާކީބައިގައި ފެންނާނީ ފޯކައިދޫ ޓީމުންނެވެ. މީގެ އިތުރުން ވެސް މާޒިޔާގެ ޒުވާން ކުޅުންތެރިޔާ އިބްރާހިމް އިމްރާހް އާއި ޑިފެންޑަރު އިބްރާހިމް އަނޫފް އަދި ގްރީން ސްޓްރީޓްސްގެ ޒުވާން ޓީމާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ރާއިފް އަބްދުﷲ (ސިޑް) ވެސް ވަނީ ފޯކައިދޫ އަށް ބަދަލުވެފައެވެ.
ދިވެހި ޕްރިމިއަރ ލީގްގެ ތިންވަނަ ބުރުގެ ކުޅުންވަނީ 6 ޓީމާއިއެކު މިދިޔަ އަންގާރަ ދުވަހު ފަށައިފައެވެ. މިހާރު ލީގު ތާވަލަށް ބަލާއިރު ތާވަލުގެ އެއްވަނައިގައި 44 ޕޮއިންޓާއި އެކު އޮތީ މާޒިޔާއެވެ. ދެވަނައިގައި ކްލަބް އީގަލްސް އޮތް އިރު ތިންވަނައިގައި އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ. ކްލަބް ގްރީން ސްޓްރީޓަށް ލިބެނީ ހަތަރުވަނަ އެވެ. ފަސްވަނައިގައި ދަގްރާންޑޭ އޮތް އިރު ތާވަލްގެ ހަވަނަ ލިބެނީ ފޯކައިދޫ އެފްސީއަށެވެ.
DPL2019-20 FAM