News
ދެވަނަ ޑިވިޝަން މިއަދު ހަވީރު ފަށާނެ
15 ޖެނުއަރީ 2020
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ދިވެހި ސިފައިންގެ ކްލަބާއި ޖޭޖޭ ސްޕޯޓްސް ކްލަބްގެ މެޗުން މިއަދު ހަވީރު 4 ޖަހާއިރު ފަށާނެއެވެ.
ގްރޫޕް އެކެއްގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި ޖޭޖޭ ސްޕޯޓްސްގެ އިތުރުން ގްރޫޕް އެކެއްގައި ހިމެނެނީ މަހިބަދޫ ސްޕޯޓްސް ކްލަބް، ސުޕަރ ސްޕޯޓްސް ޔުނައިޓެޑް، އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ކްލަބް ޕީކޭ އާއި ކްލަބް ވެލެންސިއާ، ކުޑަ ހެންވޭރު ޔުނައިޓެޑް އަދި ބީޖީ ސްޕޯޓްސް އެވެ.
2018 ވަނަ އަހަރު އޮތް ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޖޭޖޭ ސްޕޯޓްސް ބަލިކޮށް ހޯދީ މިހާރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.
އެންމެ ފަހުން ތިން ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރޮކް ސްޓްރީޓް ފުޓްބޯޅަ ކްލަބް މި އަހަރުގެ ދެ ވަނަ ޑިވިޝަނުގައި ބައިވެރިވެފައި ނުވާތީ އެޓީމު ވަނީ އަލުން ތިން ވަނަ ޑިވިޝަނަށް ވެއްޓިފަ އެވެ. ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް ފުރަތަމަ ޑިވިޝަނުން ސީދާ ޖާގައެއް ލިބެ އެވެ.
މިއަހަރުގެ މުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކަށް ބަލާއިރު އެންމެ ހާއްސަ އެއް ކްލަބަކީ ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކްލަބް، ކްލަބް ވެލެންސިއާ އެވެ. މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުން އެޓީމު ރެލިގޭޓްވީއެވެ. މިއަހަރު އެޓީމް ދެވަނަ ޑިވިޝަނަށް ނިކުންނައިރު ފުރަތަމަ ޑިވިޝަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިން މިފަހަރުވެސް އެޓީމުގައި އެބަތިއްބެވެ. އަނެއް ޓީމަކީ ގްރޫޕް އެކެއްގައި ހިމެނޭ މަހިބަދޫ ސްޕޯޓްސް ކްލަބެވެ. އެޓީމް ވަނީ 2014 އަދި 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅެފަ އެވެ. އަދި ގްރޫޕް ދޭއްގައި ހިމެނޭ ބީޖީ ސްޕޯޓްސް ކްލަބް ވެސް ވަނީ ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ.
ނުވަ ޓީމުން ވާދަކުރާ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ދާނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. ސެމީ ފައިނަލް މެޗުތައް ފެބްރުއަރީ 14 ވަނަ ދުވަހު ކުޅޭއިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު އެވެ.
FAM FAM 2nd Division