News
ދަ ގްރާންޑޭ އިން ގްރީންސްޓްރީޓް ބަލިކޮށްފި
15 ޖެނުއަރީ 2020
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގައި ރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން 5-2 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.
މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ދަ ގްރާންޑޭގެ އިރާގު ފޯވާޑް އޮބައިދާ ކަދޫމް އަހުމަދު ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އޮބައިދާގެ އިތުރުން ދަ ގްރާންޑޭ އަށް ގޯލު ޖަހައިދިނީ އަހުމަދު އިމާޒް (އާއްކޮ) އެވެ.
ދަ ގްރާންޑޭ އިން ރޭގެ މެޗަށް ނުކުތް ފުރަތަމަ އެގާރައިން ވަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި މާޒިޔާއިން ލޯނު އުސޫލުން ބަދަލުވި މުހައްމަދު ސަޚާއު އާއި ގްރީން ސްޓްރީސް އިން ބަދަލުވި ޑިފެންޑަރު ގާސިމް ސައްމާމް (ސައްމެ) ހިމަނައިފަ އެވެ.
ދަ ގްރާންޑޭއިން ހަތަރު ގޯލުގެ ލީޑެއްގައި އޮއްވައި މުހައްމަދު އުމެއިރުގެ އެހީތެރިކަމާއެކު ގްރީން ސްޓްރީޓްސްގެ މުހައްމަދު ރިސްވާން (ފުކޭ) ވަނީ ފަރަގު ކުޑަކޮށްފަ އެވެ. މެޗުގައި ގްރީންގެ ފަހު ގޯލު އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ޖެހީ އަހްމަދު ރަޝީދު(އައްމަޑޭ) އެވެ.
ލީގުގެ ތިން ވަނަ ބުރުގައި ވާދަކުރަނީ ދެ ވަނަ ބުރުގެ އެންމެ މޮޅު ހަ ޓީމެވެ. މިމޮޅާއެކު ދަ ގްރާންޑޭ އަށް ވަނީ 17 މެޗުން 24 ޕޮއިންޓް ހޯދައި ގަދަ ހަތަރެއްގެ އުއްމީދު ބޮޑުކޮށްފަ އެވެ. ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އޮތީ 26 ޕޮއިންޓުގަ އެވެ.
ލީގުގެ މެޗެއް ދެން ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ. މި މެޗުގައި ވާދަކުރާނީ އީގަލްސް އާއި ޓީސީ އެވެ.
ފޮޓޯ: އެފްއޭއެމް
Club Green Streets da grande DPL2019-20