News

ފޯކައިދޫގެ ކޯޗްކަމަށް ފެނާންޑޯ

1 ފެބްރުއަރީ 2019






ފޯކައިދޫ ފުޓުބޯޅަ ޓީމްގެ ކޯޗްކަމަށް ހަމްދުﷲ ފެނާންޑޯ ހަމަޖައްސައިފިއެވެ.

ތަޖުރިބާކާރު ފެނާންޑޯ ހަވާލުވާނީ ފޯކައިދޫގެ 21 އަހަރުން ދަށުގެ ޓީމްގެ ކޯޗްކަމާއެވެ. އެއީ މިއަންނަ ހަފްތާގައި ފެށޭ ޔޫތު ޗެމްޕިއަންޝިޕްއަށެވެ. ފޯކައިދޫ ޒުވާން ޓީމް ފަރިތަކުރަމުން އައީ ފޯކައިދޫ ސީނިއަރ ޓީމްގެ ކޯޗުން ކަމަށްވާ އަލީ ނިސްތާރު މުހައްމަދު، އަހްމަދު ހުޝާމް (ޗިން) އަދި އަހްމަދު މުހައްމަދު (އަންމަޑޭ) ގެ އިރުޝާދުގެ ދަށުންނެވެ. ހަމްދުﷲ ހަވާލުވާނީ ހެޑް ކޯޗްގެ ގޮތުގައި، ޗިން އަދި އަންމަޑޭ އޭނާގެ ކޯޗިންގ ސްޓާފްގެ ގޮތުގައި މަސައްކަތް ކުރާ ގޮތަށެވެ. ހަމްދުﷲ ވަނީ ދިވެހި ފުޓުބޯޅައިގައި މަސައްކަތް ކުރަމުން އަންނަ މޮޅެތި ކޯޗުންނާއި ކުޅުންތެރިން ތަމްރީންކޮށްފައެވެ. ދާދި ފަހުން ހަމްދުﷲ ވަނީ ކޯޗިންގ އިންސްޓްރަކްޓަރ ކޯހެއް ފުރިހަމަ ކޮށް އެފް.އޭ.އެމްގެ ޑީ-ލައިސަންސް އިންސްޓްރަކްޓަރުންގެ ތެރޭގައި ހިމެނިފައެވެ. އަރލީ ޓަޗް ފުޓްބޯލް އެކަޑަމީގައި ޔޫތު ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ތަޖުރިބާކާރު މި ކޯޗަކީ ފޯކައިދޫ ޒުވާން ޓީމުގައިވެސް ޕާޓް ޓައިމް ކޮށް ކޯޗް ކޮށްދޭ ބޭފުޅެކެވެ. މީގެ ކުރިން ހަމްދުﷲ ވަނީ ހަސަން ނަޒީމް ގާސިމް އަދި ހުސައިން ރައްޔާން ފަދަ ކުޅުންތެރިންނާއެކު އީ.ޓީ.އެފް.އޭގައި މަސައްކަތް ކޮށްފައެވެ.

ކޯޗްގެ ބަހެއް ލިބޭގޮތް ނުވި ނަމަވެސް، ފޯކައިދޫ ޒުވާން ޓީމްގެ މެނޭޖަރ މުހައްމަދު ރިމާޒް ބުނުއްވި ގޮތުގައި ހަމްދުﷲ ކޯޗްކަމަށް ހަމަޖެއްސުނީތީ އޭނާ ވަރަށް އުފާވާކަން ފާހަގަ ކުރިއެވެ. ރިމާޒް އިތުރަށް ވާހަކަ ދައްކަމުން ބުނުއްވިގޮތުގައި މުބާރާތުގެ ގުރުލީ ހަފްލާގައި ބީ-ލައިސަންސް އޮތް ކޯޗެއް އެންމެ ކުޑަމިނުން ހުންނަން ޖެހޭކަމަށް އެފް.އޭ.އެމްއިން ޓީމަށް އަންގާފައިވަނީ ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި ކަމަށެވެ.

"އެކަހަލަ މޮޅު ކޯޗެއް އެހާ ކުރު މުއްދަތެއްގައި ހޯދުމަކީ ފަސޭހަ ކަމެއް ނޫން. ނަމަވެސް ހަމްދުﷲ ފަދަ ކޯޗެއް ހަމަޖެހުނީތީ އެކަމާ އުފާކުރަން. އެސޯސިއޭޝަންއިން އަޅުގަނޑުމެން ކައިރީ މިވާހަކަ ބުނެފައިވަނީ ވަރަށް ފަހުން. އެކަހަލަ ކަންކަން އެސޯސިއޭޝަނުން އެބަޖެހޭ ރަނގަޅުކުރަން. އުންމީދުކުރަން ކުރިއަށް އޮތް ތާނގައި އެހެން ދިމާނުވާނެކަމަށް." 'ބޯޅަ'އާއި ވާހަކަ ދައްކަމުން މެނޭޖަރ ރިމާޒް ބުންޏެވެ. އިތުރަށް ރިމާޒް ބުނިގޮތުގައި ލަހުން ވިޔަސް ބުނީތީ އެފް.އޭ.އެމްއަށް ޝުކުރު ކުރާކަމަށާއި އެފަދަ ކަންކަން ރަނގަޅު ކުރުމަށް ފާޑުކިޔުމަކީ މުހިންމު ކަމެށް ކަމަށެވެ.

ފޮޓޯ: އިމޭޖަޒް އެމްވީ

ETFA FAM FAM U-21 Youth Championship Foakaidhoo Sports Club

Leave a Comment:

Comments will be published after moderation.