News
އައްޑޫ ފުޓުބޯޅަ ޗެލެންޖްގެ ފައިނަލްމެޗް ވަރަށް ވެސް ޚާއްސަ، ދަރިފުޅާއި ބައްޕަ އެއްޓީމެއް
13 ޖެނުއަރީ 2020
މިއަދު ހަވީރު އައްޑޫ ފުޓުބޯޅަ ދަނޑުގައި 15:45ގައި ކުޅޭ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގައި ފޭދޫ ސްޕޯޓްސް އާއި ހިތަދޫ ބޭރުމަތި ބައްދަލުކުރާ މެޗްގައި އަހްމަދު ސައީދު (އައްމަޓީ) އާއި އޭނާގެ ދަރިފުޅު ސަޔަމް ސައީދު ކުޅޭނެއެވެ.
ރާއްޖޭގައި އުފެދުނު ހުނަރުވެރި މޮޅެތި ކުޅުންތެރިންގެ ތެރޭގައި އަހްމަދު ސައީދު (އައްމަޓީ) އަކީ ނަން ވިދާލި މޮޅު ކުޅުންތެރިއެކެވެ. އައްމަޓީ އަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރި ގައުމީ ޓީމުގެ ކުޅުންތެރިއެކެވެ. ގައުމީޓީމުން އައްމަޓީ އަށް ފުރުސަތު ލިބުނީ އެފްއޭއެމް އިން އައްޑޫގައި ބޭއްވި ސެލެކްޝަނަކުން އޭނާގެ ކުޅުން ފާހަގަ ވެގެންނެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލި ފަހުން އައްމަޓީވަނީ ފޭދޫ ސްޕޯޓްސް އާއި އެކު ޕްރެޒިޑެންޓް ކަޕްގައި 2016 ވަނަ އަހަރު ކުޅެފައެވެ.
ގައުމީ ޓީމާއި ނިއު އަދި ވިކްޓަރީގެ ކުރީގެ ހުނަރުވެރި ޑިފެންޑަރު އަހުމަދު ސައީދު (އައްމަޓީ)ގެ މުޅިން އައު ވާޝަންނެއް މިހާރު މިވަނީ ފެނިފައެވެ. އައްމަޓީގެ ދަރިފުޅު ސަޔަމް ސައީދު ވަކި އައްމަޓީ އަކަށް ދޫނުކުރާކަމަށް އައްޑޫގެ ފުޓުބޯޅައިގެ ކަންކަން ކުރިޔަށް ގެންދާ އެފް އޭ އެމްގެ ކޯޗް އަޒްމީ ބުންޏެވެ.
ސަޔަމް ވަނީ މިއަހަރުގެ ޕްރިމިއަރ ލީގްގައި އޭނާގެ ބައްޕަގެ ކުރީގެ ކްލަބް ކަމަށްވާ ވިކްޓްރީ ސްޕޯޓްސް އަށް ކުޅެފައެވެ. ވިކްޓްރީ ސަސްޕެންޑް ކުރުމުން ސަޔަމް މިހާރު ހުރީ އަނެއްކާވެސް އޭނާގެ އުފަން އަތޮޅު އައްޑޫގައެވެ. ސަޔަމް އަކީ އައްޑޫ ފުޓުބޯޅަ އެކަޑަމީ އިން ތަމްރީނުވި ކުއްޖެކެވެ.
އައްމަޓީ އާއި ސަޔަމްގެ ކުޅުން ބަލާލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އައްޑޫ ފުޓުބޯލް ޗެމްޕިއަންޝިޕް ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކޮށް ބަލާލެވޭނެއެވެ. މިމުބާރާތުގައި ކުޅެވެނީ އައްޑުއަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ. އަދި އައްޑޫ މީހުންނާއި އިނދެގެން އުޅޭ މީހުންނަށްވެސް ވަނީ މި މުބާރާތުގައި ކުޅުމުގެ ފުރުސަތުދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތުގައި ވަނީ ކުރީގެ ނަންމައްޝޫރު ކުޅުންތެރިން ވަނީ ކުޅެފައެވެ. އޭގެ ތެރޭގައި ޝަމްވީލް ގާސިމް( ބޮންޑާ) އާއި އަލީ އަޝްފާގްގެ ބޭބެ އަހްމަދު އަޝްފާން އާއި އަލީ ނާފިއު (ކަޅޭ) ގެ އިތުރުން ކުޑަ ތޮއްޑޫ ހިމެނެއެވެ.
އަދި މިހާރު އަރަމުން އަންނަ ބައެއް ކުޅުންތެރިންވެސް އަންނަނީ މިމުބާރާތުގައި ވާދަ ކުރަމުންނެވެ. ޕްރިމިއަރ ލީގްގައި ވާދަކުރަމުން އަންނަ އީގަލްސްގެ ޗޯޓު އާއި ހަންނަ އަދި މިރާހްގެ އިތުރުން ހާޒިމް ހިމެނެއެވެ. މީގެ ތެރެއިން ގިނަ ކުޅުންތެރިން ތަމްރީން ވެގެން އައީ އައްޑު ފުޓުބޯޅަ އެކަޑަމީއިންނެވެ. އައްޑޫ އަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއްް ވަނީ ގައުމީޓީމަށް ކުޅެފައެވެ.
މިއަދުގެ ފައިނަލް މެޗް ވެގެން ދާނީ އައްމަޓީ އާއި ސަޔަމް އަށް ވަރަށް ޚާއްސަ މެޗަކަށެވެ.
FAM