News
ޓީސީ ބަލިކޮށް އީގަލްސް ތާވަލުގެ ދެވަނަ އަށް ޖެހިލައިފި
13 ޖެނުއަރީ 2020
ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކުރި ހޯދައި، ކުލަބު އީގްލްސްއިން ތާވަލުގެ ދެ ވަނަ މަގާމު ހޯދައިފިއެވެ.
އީގަލްސްއިން މެޗުގެ 16 ވަނަ މިނެޓްގައި ލީޑް ނެގިއެވެ. އެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ)ގެ އެހީތެރި ކަމާއިއެކު އަހްމަދު ރިޒްވާން (ރިޒޭ)އެވެ.
ޓީސީގެ ޑިފެންޑަރު މުހައްމަދު ސާދު ނިޒާރުއަށް ރަތް ކާޑު ދެއްކުމުން އެޓީމުން ކުޅެމުން އައީ 10 ކުޅުންތެރިންނާއި އެކުއެވެ. އެއީ އީގަލްސްއަށް ލިބުނު ހުސް ފުރުސަތެއްގައި ހަސަން ރާއިފް އަހްމަދު (ހަންނަ) އޭރިއާ ތެރެއަށް ވަންނަން އުޅުމުން ޓެކްލުކޮށް ވައްޓާލުމުން ދެއްކި ކާޑެކެވެ.
އީގަލްސްގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސެންޓޭ އެވެ. މިގޯލް ކާމިޔާބު ކުރީ ރިޒޭގެ އެހީތެރިކަމާއި އެކުއެވެ.
މެޗުގެ ފަހު 15 މިނެޓް، އީގަލްސްއިން ވެސް ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މިދިޔަ ހުކުރު ދުވަހު ފ. ނިލަންދޫ ސްޕޯޓްސް ކުލަބުން އީގަލްސް އަށް ބަދަލުވި ޖަޕާންގެ މިޑްފީލްޑާ ޓޮށިކީ އޮކޮމޯޓާ (ޓޮށިކީ) އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލީ މެޗުގެ 76 ވަނަ މިނެޓްގަ އެވެ.
އީގަލްސްގެ ތިން ވަނަ ލަނޑު މެޗުގެ 91 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ހުކުރު ދުވަހު ށ. ފޯކައިދޫ ޓީމުން އީގަލްސްއަށް ބަދަލުވި ހަސަން ނަޒީމް (ޗޯޓް) އެވެ. އޭނާ ލަނޑު ޖެހީ ހަންނަ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އިއްޔެގެ މެޗުން ޓީސީ ބަލި ނުވިނަމަ އެޓީމަށް ތާވަލުގެ ދެ ވަނަ އަށް އެރުނީހެވެ.
ލީގްގެ ގަވާއިދުގައި އަށް ޓީމު ހިމަނައިގެން ތިން ވަނަ ބުރުގެ ކުޅެން ލިޔެފައި އޮތް ނަމަވެސް، ތިން ވަނަ ބުރު ހަ ޓީމާއެކު ކުޅެން އެފްއޭއެމުން ނިންމީ، ކުލަބުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުން ތަކާއިއެކު، މަޝްވަރާ އަށް ގޮސްގެންނެވެ. ތިން ވަނަ ބުރުގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު މާޒިޔާ ނުކުންނާނީ، ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބާ ދެކޮޅަށެވެ.