News

އޭދަފުށީގެ ކޯޗަކަށް ސާންތީ ހަމަޖައްސައިފި

11 ޖެނުއަރީ 2020






އެއް އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ކްލަބް އޭދަފުށީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އިހުސާން އަބްދުލްގަނީ (ސާންތި) ހަމަޖައްސައިފި އެވެ. 

ސާންތީ ސޮއިކުރުން އޮތީ ރޭ އެރަށުގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. "އޭދަފުށި ނައިޓް" ގެ ނަމުގައި ބޭއްވި މި ހަފްލާގައި ސާންތީ ސޮއިކުރުމުގެ އިތުރުން ކްލަބްގެ ލަވަ އިފްތިތާހް ކުރުމާއި، މި އަހަރު އެ ކްލަބުން ބޭނުންކުރާނެ ޖާޒީ ވަނީ ދައްކާލާފައެވެ. 

ސާންތީ ވަނީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން 2011 ވަނަ އަހަރު އީގަލްސްއާ ހަވާލުވުމަށް ފަހު 2017 ވަނަ އަހަރު މަގާމުން އިސްތިއުފާ ދިނުމާއި ހަމައަށް އެ ޓީމުގައި ސާންތީ ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ.

ސާންތީ ފާހަގަވެފައިވަނީ ޒުވާން ކުޅުންތެރިން އުފައްދައި ވަކި ސްޓައިލަކަށް އީގަލްސް ބައްޓަން ކުރުމުގެ މޭސްތިރިޔާގެ ގޮތުގަ އެވެ. އީގަލްސްގެ ކޯޗުކަން ސާންތީ ދޫކޮށްލީ 2017 ވަނަ އަހަރުގެ ދިވެހި ލީގުގެ ގަދަ ހަތަރަކުން އެޓީމަށް ފުރުސަތު ނުލިބުމުންނެވެ.

އެއަށްފަހު ސާންތީ ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި 2017 ވަނަ އަހަރު ހަވާލުވެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ. ސާންތީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން ވަކިވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސާންތީގެ ޒިންމާ އަކަށް ވާނީ އޭދަފުށީގެ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި ޒުވާން އެތްލީޓުން އުފެއްދުމާއި ކުރިޔަށް ހުރި މުބާރާތްތަކުގައި އެޓީމަށް އިރުޝާދު ދިނުމެވެ. އެގޮތުން މި އަހަރުގެ އެފްއޭ ކަޕާއި ޖަޒީރާ ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ މަސައްކަތް ވެސް އެ ކްލަބުން އަންނަނީ ކުރަމުންނެވެ. 

Eydhafushi Football Team Minivan Championship

Leave a Comment:

Comments will be published after moderation.