News
ޕްރިމިއަރ ލީގުގެ ތިންވަނަ ބުރުގައި ވާދަކުރާނީ 6 ޓީމު ކަމަށް ނިންމައިފި
9 ޖެނުއަރީ 2020
ދިވެހި ޕްރިމިއަރ ލީގުގެ ތިންވަނަ ބުރުގައި ވާދަ ކުރާނީ 6 ޓީމު ކަމަށް ނިންމައިފިއެވެ.
މިއަދު އެފްއޭއެމް ހައުސްގައި ކްލަބް ތަކާއި އެކު ބައްދަލުވުމެއް ބާއްވައި އެގޮތަށް ނިންމީ ވޯޓް ލައިގެންނެވެ. މިހާރު ޝެޑިއުލް އޮތް ގޮތަށް ބަލައި ތިން ވަނަ ބުރުގެ ފުރުސަތު ގެއްލިފައި ވަނީ ތާވަލުގެ އެންމެ ފުލުގައި އޮތް ނިލަންދޫ އާއި ޔުނައިޓެޑް ވިކްޓްރީ އަށެވެ.
ތިންވަނަ ބުރުގައި ވާދަ ކުރާނީ އެއްވަނައިގައި އޮތް މާޒިޔާ އާއި ޓީސީ، ގްރީންސްޓްރީޓް، އީގަލްސް، ދަގްރާންޑޭ އަދި 6 ވަނައިގައި އޮތް ފޯކައިދޫ އެވެ.
ޕްރިމިއަރ ލީގް ގަވައިދުގައިވާ ގޮތުުން ދެވަނަ ބުރު ނިމޭއިރު، ތިންވަނަ ބުރުގައި ވާދަ ކުރާނީ އެންމެ ގިނަ ޕޮއިންޓް ލިބޭ 8 ޓީމެވެ. ޕްރިމިއަރ ލީގް ފެށީ 10 ޓީމާއި އެކު ނަމަވެސް ނިއުރޭޑިއަންޓާއި ވިކްޓްރީ ސަސްޕެންޑް ކޮށްފައި ވުމުން ދެވަނަ ބުރުގެ ވަކި ހިސާބަކުން އެ އަދަދު 8 ޓީމަށް ތިރިވިއެވެ.
އެހެންވުމުގެ ސަބަބުން ކްލަބްތަކާއި ވާހަކަ ދެއްކުމަށްފަހު ގޮތެއް ނިންމުމަށް އެފްއޭއެމް އިން ނިންމައި، މިއަދު ވަނީ ވޯޓެއް ނަގައި 6 ޓީމް ވާދަކުރާގޮތަށް ނިންމާފައެވެ. ކްލަބް ތަކަށް ކުރިމަތިވި މާލީ މައްސަލަތަކާއި ހެދި ގިނަ ޓީމްތަކަށް ވަނީ ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުދެވި ސީޒަން ނުނިމެނީސް ގިނަ މައްސަލަތަކާއި ކުރިމަތި ލާން ޖެހިފައެވެ.
ކުޅުންތެރިންނަށް މުސާރަ ނުދެވޭތީ ސީޒަންގެ މެދުތެރެއިން ގިނަ ކްލަބްތަކުން ވަނީ ޕްރެކްޓިސްތައްވެސް މެދު ކަނޑާލާފައެވެ. އަދި ދެވަނަ ބުރުގެ ކުޅުން ނިމި ޓްރާންސްފަރ މާކެޓް ހުޅުވުމާއި އެކު ގިނަ ކުޅުންތެރިން ވަނީ ޓީމު ބަދަލުކޮށްފައެވެ.
FAM