News

ކުޅުންތެރިން ދޫކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހިފެހެއްޓޭނެ ގޮތެއްނެތް: ފޯކައިދޫ ރައީސް

8 ޖެނުއަރީ 2020






ފޯކައިދޫގެ މުހިންމު ކުޅުންތެރިންތަކެއް ޓްރާންސްފާ ޕީރިއަޑްގައި އެހެން ބޮޑެތި ކްލަބްތަކަށް ބަދަލުވެފައިވާއިރު އެކުޅުންތެރިން ދޫކުރަން ބޭނުން ނުވި ނަމަވެސް ހިފެހެއްޓޭނެ ގޮތެއް ނެތް ކަމަށް ފޯކައިދޫ އެފްސީގެ ރައީސް އަހްމަދު އާސިފް ވިދާޅުވެއްޖެއެވެ. 

ފޯކައިދޫގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް އެހެން ޓީމްތަކަށް ދާން ފަށާފައިވާކަމުގެ އަޑުތައް ފެތުރުމާއި ގުޅިގެން ބޯޅަ އެމްވީއިން ފޯކައިދޫގެ ރައީސް އަހްމަދު އާސިފް އަށް ގުޅާލުމުން ވިދާޅުވީ ލޯބަޖެޓް ކުޅުންތެރިން ހިމަނައިގެން ތިންވަނަ ރައުންޑް ނިންމާލުން ނޫންގޮތެއް ނެތް ކަމަށެވެ.

"ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދެވޭއިރު އެކުންޅުތެރިންނަށް ވެސް އެންމެ ރަނގަޅުވާނީ މުސާރަ ލިބޭ ކޮޅަކަށް ދިއުން" ކަމަށް އާސިފް ވިދާޅުވިއެވެ. 

ފޯކައިދޫ ދޫކޮށް ދިޔަ ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު ހަނީފް ސާގިބާއި، މަހުމޫދު ސައީދު (ރާމޯސް) އަދި އަލީ ސާމިހް (ތޮއްޕެ) ހިމެނެއެވެ. އަދި ލޯން އެއްބަސްވުމުގެ ދަށުން ހަސަން ނަޒީމް ގާސިމް (ޗޯޓު) ވެސް ދާކަމުގެ މައުލޫމާތުވަނީ ލިބިފައެވެ. މި ކުޅުންތެރިންނަކީ މިދިޔަ ދެ ރައުންޑްގައި އެފްއެފްސީ އަށް މޮޅު ކުޅުމެއް ދައްކައިފައެވެ.

އާސިފް ވިދާޅުވީ އެފްއޭއެމް އިން ކްލަބްތަކަށް ދޭން ބުނި ފައިސާ ނުލިބުމުގެ ސަބަބުން ކުޅުންތެރިންނަށް ދޭން ކްލަބުން އެއްބަސްވެފައިވާ މުސާރަ ދެވިފައި ނުވާކަމަށެވެ. އެހެން ވުމުގެ ސަބަބުން ކުޅުންތެރިން އެހެން ޓީމްތަކަށް ދާން އެދުމުން އެކުޅުންތެރިން ހިފެހެއްޓެން ނޯންނާނެކަމަށް އާސިފް ވިދާޅުވިއެވެ. ފޯކައިދޫގެ ރައީސް އާސިފް ވިދާޅުވީ ރާއްޖެއިން ބޭރުގެ އަގުހެޔޮ ޑިފެންޑަރެއް ގެނައުމުގެ ވިސްނުން އެބަހުރިކަމަށެވެ. 

އެފްއޭއެމް އިން 3 މިލިއަން ކްލަބްތަކަށް ދޭން އެއްބަސް ވެފައި ވީނަމަވެސް އަދި ފޯކައިދޫ އަށް ލިބިފައިވަނީ 2 ލައްކަ 25 ހާހެއްހާ ފައިސާކަމަށް އާސިފް ވިދާޅުވިއެވެ. އާސިފް ވިދާޅުވީ ބޮޑެތި ބައެއް ކްލަބްތަކަށް އެއަށްވުރެ ގިނައިން އެފްއޭއެމް އިން ދީފައިވާ ކަމުގެ އަޑުތައް އިވޭކަމަށެވެ. 

ފޯކައިދޫ އިން ވަނީ ނިމިދިޔަ ސިޒަންގެ ފުރަތަމަ ރައުންޑާއި ދެވަނަ ރައުންޑްގައި ބޮޑެތި ޓީމްތަކާއި ދެކޮޅަށް މޮޅު ކުޅުމެއްދައްކައިފައެވެ. އެގޮތުން ބައެއް ޓީމް ތަކާއި އެއްވަރުކޮށް އަދި ބައެއް ބޮޑެތި ކްލަބްތަކުގެ މައްޗައް ވަނީ ކުރި ހޯދައިފައެވެ.

އެޓީމުން ލީގުގެ 2 ވަނަ ބުރު ނިންމާލީ 20 ޕޮއިންޓާއި އެކު ތާވަލުގެ 6 ވަނައިގައި އޮވެއެވެ.

 

 

 

DPL2019-20 Foakaidhoo Sports Club

Leave a Comment:

Comments will be published after moderation.