News
ޓްރާންސްފަރ އަޑުތައް: ފޯކައިދޫގެ ޒުވާން ތަރި ޗޯޓު ލޯން އެއްބަސްވުމެއްގެ ދަށުން އީގަލްސް އަށް!
8 ޖެނުއަރީ 2020
19 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކެޕްޓަން އަދި ފޯކައިދޫގެ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ހަސަން ނަޒީމް ގާސިމް ( ޗޯޓު) ލޯން އެއްބަސް ވުމެއްގެ ދަށުން އިގަލްސް އަށް ދާން އުޅޭކަމުގެ މައުލޫމާތު ބޯޅަ އެމްވީ އަށް ވަނީ ލިބިފައެވެ.
ދިވެހި ޕްރިމިއަރ ލީގުގައި ފޯކައިދޫ އެފްސީއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ޗޯޓު އިގަލްސް އަށް ދޫކުރަން ނިންމާފައިވަނީ ލޯން އެއްބަސް ވުމެއްގެ ދަށުން 3 މަސްދުވަހުގެ މުއްދަތަށް ކަމަށް ޗޯޓު މިހާރު ކުޅެމުން އަންނަ ފޯކައިދޫ އިން ވަނީ ބުނެފައެވެ.
ނަމަވެސް ޗޯޓު މާލެއިން ބޭރުގައި ހުރުމުންގެ ސަބަބުން އަދި ކޮންޓެރެކްޓްގައި ސޮއި ނުކުރާކަމަށް ޗޯޓު ބުންޏެވެ. ޗޯޓުގެ ޓްރާންސްފާއާއި ގުޅޭގޮތުން އީގަލްސްގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް ވަނީ ފޯނަށް ޖަވާބު ނުދޭތީ ހިމަނާލެވޭގޮތް ނުވެފައެވެ.
ޗޯޓުގެ ކެޕްޓަން ކަމުގެދަށުން 19 އަހަރުން ދަށުގެ ޓީމް ވަނީ އޭއެފްސީ 18 އަހަރުން ދަށުގެ މުބާރާތުން ތިންވަނަ ރާއްޖެ އަށް ހޯދައިދީފައެވެ. އަދި މިދިޔަ އަހަރު ދެވަނަ ބުރުގައި ފޯކައިދޫއާއި އީގަލްސް ކުޅުނު މެޗުން ފޯކައިދޫ 3-2ގެ ނަތީޖާ އަކުން މޮޅުވެފައިވާއިރު ޗޯޓު ވަނީ އެމެޗުގައި މޮޅު ކުޅުމެއް ދައްކައި އީގަލްސް ކޮޅަށް ގޯލެއްވެސް ޖަހައިދީފައެވެ. މައުލޫމާތު ލިބުނުގޮތުގައި ބައެއް އެހެން ޓީމް ތަކުން ވެސް ވަނީ ޗޯޓު ހޯދުމަށް ޝައުގުވެރިވާކަން ހާމަކޮށްފައިކަމަށް ފޯކައިދޫއިން ވަނީ ބުނެފައެވެ.
Club Eagles DPL2019-20