News

ނިލަންދޫ ފުޓްސަލް މުބާރާތް: ފަހުލަވާން ޗެމްޕިއަންކަން ހޯދައިފި​

7 ޖެނުއަރީ 2020






ފ.ނިލަންދޫގައި މީލާދީ އާއަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން ކުރިޔަށް ގެންދިޔަބީއެމްއެލް ރަށްވެހި ނިއުއިޔާރ ފުޓްސަލް ޗެލެންޖް 2020 ގެ ފައިނަލް މެޗްގައި އެސްޖީސީއާއި ވާދަކޮށް ފަހުލަވާނު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

2 ޓީމުގެ ގިނަ ޢަދަދެއްގެ ސަޕޯޓަރުންގެ ތަރުޙީބާއެކު ކުރިޔަށް ދިޔަ މެޗް ފަހުލަވާނު ކާމިޔާބުކުރީ ފަސޭހަކާމާއެކު 5 ލަނޑު 0 ލަނޑުންނެވެ.

ފައިނަލް މެޗް ފެށުނީއްސުރެ ފަހުލަވާނުން ދިޔައީ އިތުބާރާއެކު ކުޅެ ގާތްގާތުގައި އެސްޖީސީގެ ގޯލަށް ބާރުބޮޑު ކުރަމުންނެވެ. އެހެން ނަމަވެސް ފުރަތަމަ އެންމެ ހުސް ފުރުޞަތެއް ލިބިގެން ދިޔައީ އެސްޖީސީގެ މުޙައްމަދު ޖަމީލަށެވެ. ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ބޯޅަ ރަނގަޅަށް ބޭނުންނުކުރެވުމުގެ ފައިދާ ނަގާ ފަހުލަވާނުން ފުރަތަމަ ހާފުގެ ކުރީ ކޮޅުވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. މިގޯލް ކާމިޔާބު ކޮށްދިނީފުޓްސަލް ގެ އިތުރުން ފުޓްބޯޅައިގައިވެސް ނިލަންދޫން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާ ކަމަށްވާ ޢާދިލް ޢަލީއެވެ.

މުޅިމުބާރާތުގައިވެސް މޮޅުކުޅުމެއްދެއްކި އެސްޖީސީއަށް ފައިނަލް މެޗްގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ސާޖިދުއަށް އަނިޔާވެ ގިނަ ވަގުތު ދަނޑުންބޭރުގައި ހުންނަން ޖެހުމެވެ. އެކަމުގެ ފައިދާ ނަގާ ފަހުހާފްގައި ފަހުލަވާނުގެ ނަބީލުއާއި ފަޒާލް އަދި ޢާދިލްއާއި ޢާޞިމްބެ ޖެހި ގޯލްތަކުން ފަހުލަވާނު މެޗް ކާމިޔާބުކުރިއިރު މުޅިމެޗްގައިވެސް ފަހުލަވާނުންވަނީ މޮޅުކުޅުމެއް ދައްކާފައެވެ.

ފައިނަލް މެޗް ނިމުމުން މުބާރާތުގެ ވަނަވަނަ ހޯދި ކުޅުންތެރިންނަށާއި ޓީމުތަކަށް ޓްރޮފީ އާއި މެޑަލް ޙަވާލުކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާން ފ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހިމް ޚަލީލުގެ އިތުރުން ނިލަންދޫ މުއައްސަސާތަކުގެ އިސްވެރިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފަހުލަވާނުގެ އަޙުމަދު ނަބީލެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކަށް އެސްޖީސީގެ ހުސައިން ރާއިފް ހޮވުނުއިރު ޓީމަށް ފައިދާހޯދަދިން ކޯޗަކަށް ހޮވުނީ ފަހުލަވާނުގެ މާޖިދުއެވެ. ފެއާރޕްލޭ ޓީމަކަށް ހޮވުނީ ވައިޕާރސް އެފްސީއެވެ.

މުބާރާތުގެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ އެސްޖީސީގެ ކީޕަރ ހުޒައިލް ޢަބްދުއްލަޠީފް އާއި ފަހުލަވާނުގެ އަޙުމަދު ފަޒާލްއާއި އެންވައިޖީގެ އަޙުމަދު ޢަލީ އާއި އެސްޖީސީގެ ސާޖިދު އަޙުމަދު އިބްރާހިމްގެ އިތުރުން ފަހުލަވާނުގެ ޢާދިލް ޢަލީއެވެ. 21 ގޯލް ޖަހައިގެން މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އެސްޖީސީގެ ސާޖިދު އަޙުމަދު އިބްރާހިމްއެވެ.

ރަނަރަޕް ޓީމަށް ފައިސާގެ ޢިނާމާއި މެޑަލް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ކްލަސްޓަރ މެނޭޖަރ އަޙުމަދު ރައުޝާން އެވެ. ޗެމްޕިއަން ޓީމަށް ފައިސާގެ ޢިނާމާއި ރަންމެޑަލް އަދި ޓްރޮފީ ޙަވާލުކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާނު ފ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހިމް ޚަލީލްއެވެ.

މިމުބާރާތަކީ ރަށްވެހި ގްރޫޕްގެ ނަމުގައި މީގެ 7 ވަރަކަށް މަސްދުވަސްކުރިން ނިލަންދޫގެ ޒުވާނުން ކޮޅެއް އިސްނަގައިގެން ޖަމްޢިއްޔަތުއް ޝަބާބާއި ގުޅިގެން ކުރިޔަށް ގެންދަން ފެށި ސިލްސިލާ މުބާރާތްތަކުގެ ތެރެއިން ބޭއްވުނު 3 ވަނަ މުބާރާތެވެ.

3 މުބާރާތްވެސް ކާމިޔާބުކަމާއެކު ނިންމާލެވިގެން ދިޔައީ ނިލަންދޫގެ ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައި ކަމަށް މުބާރާތް އިންތިޒާމް ކުރި ފަރާތުން ވަނީ ބުނެފައެވެ. ޚާއްޞަ ގޮތެއްގައި ބޭންކް އޮފް މޯލްޑިވްސްއާއި ނިލަންދޫ އިޖުތިމާޢީ މަރުކަޒުން ވަރަށްބޮޑު އެއްބާރުލުމެއް ދީފައިވާ ކަމަށް ޖަމްޢިއްޔަތުއް ޝަބާބު އިން މައުލޫމާތުދެއެވެ.

މިއަދު ރަށްވެހި ގްރޫޕުން ކުރިޔަށް ގެންދިޔަ 3 ވަނަ މުބާރާތް ނިމުމާއެކު ރަށްވެހި ގްރޫޕުންވަނީ 4 ވަނަ މުބާރާތްވެސް އިޢުލާނު ކޮށްފައެވެ. އަންނަ އަޟްޙާ ޢީދު ބަންދުގައި ބާއްވާ މުބާރާތް ފުރަތަމަ ބޭއްވި މުބާރާތަށްވުރެ ފައިސާގެ ރަނގަޅު ޢިނާމަކާއެކު ބާއްވާނެ ކަމަށްވަނީ އިޢުލާނުކޮށްފައެވެ.

ނިމިގެން ދިޔަ މުބާރާތުގެ މެއިން ސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރއަކީ އަލަނާސި ކެފޭ އެންޑް ބިސްޓްރޯވއާއި ނިލަންދޫ އިޖުތިމާޢީ މަރުކަޒެވެ.

F.Nilandhoo

Leave a Comment:

Comments will be published after moderation.