News
އެސް.ޖީ.ސީ އާއި ފަހުލަވާނުގެ ކުރިމަތިލުމެއް ފައިނަލުގައި
7 ޖެނުއަރީ 2020
ފ.ނިލަންދޫގައި މީލާދީ އާއަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން ކުރިޔަށް ގެންދާ ބީއެމްއެލް ރަށްވެހި ނިއުއިޔާރ ފުޓްސަލް ޗެލެންޖް 2020 ގެ ފައިނަލަށް ސްޕަރ ޖެނެރޭޝަން ކްލަބް (އެސްޖީސީ)އާއި ސްޕޯޓްސް ކްލަބް ފަހުލަވާނު (އެސްސީއެފް) ދަތުރުކޮށްފިއެވެ.
ފައިނަލަށް ފަހުލަވާނު ދަތުރު ކުރީ ކުޅުނު 5 މެޗުން 3 މެޗުން މޮޅުވެ 2 މެޗް އެއްވަރުކޮށް 11 ޕޮއިންޓް ހޯދައިގެންނެވެ. އެސްޖީސީ ފައިނަލަށް ދަތުރު ކުރީ 5 މެޗުން 4 މެޗުން މޮޅުވެ 1 މެޗް އެއްވަރުކޮށް ޖުމުލަ 13 ޕޮއިންޓް ހޯދައިގެންނެވެ.
މުބާރާތުގެ އިއްޔެ ކުޅެން އޮތް ފުރަތަމަ މެޗަށް 3 ހަރުގެ ޓީމު ހަމަނުވުމުގެ ސަބަބުން 3 ޕޮއިންޓާއި ފައިދާ 3 ގޯލާއެކު ވައިޕާރސް އެފްސީއަށްވަނީ މެޗް ލިބިފައެވެ. ހަވީރު 2 ވަނަ މެޗް ވެގެން ދިޔައީ އަނެއްކާވެސް މުބާރާތުގައި ފެނިގެންދިޔަ ފޯރިގަދަ މެޗެއްގޮތުގައެވެ.
ނިލަންދޫ ޔަންގް ޖެނެރޭޝަން (އެންވައިޖީ)އާއި ސްޕޯޓްސް ކްލަބް ފަހުލަވާނު (އެސްސީއެފް) ވާދަކުރި މެޗް ފޯރިގަދަ ކުޅުމަކަށްފަހު އެންމެ ފަހުވަގުތު ފަހު ފަހުލަވާނުން ޖެހި 2 ގޯލާއެކު މެޗް އެއްވަރުވެ ފައިނަލަށް އެންވައިޖީ ކުރަމުންދިޔަ އުއްމީދު ގެއްލިގެންދިޔަ އެވެ. ކޮންމެޓީމެއް މޮޅުވިނަމަވެސް ފައިނަލުގެ ޖާގަ ޔަގީން ވެގެންދާ މިމެޗްގައި ފަހުލަވާނަށް އެއްވަރުކޮށްލައިގެންވެސް އެފުރުޞަތު އޮތުމުން އެންވައިޖީންވަނީ މުޅިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައިފައެވެ.
މެޗްފެށިގެން ފުރަތަމަ ކުރިހޯދީ އެންވައިޖީ ޢަބްދުލް ޖަލީލު ޢަބްދުއްރައްޒާގު ޖެހި ގޯލުންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޢާދިލް އަލީ ޖެހި 2 ގޯލުން ފަހުލަވާނު ކުރިހޯދިއެވެ. ފަހުހާފް ފަށައިގެން ޢަބްދުލް ޖަލީލު ޖެހި ގޯލަކާއި ކައިރި ކައިރީގައި އެންވައިޖީގެ ޢަބްދުލް ބާޞިޠު ޖެހި 2 ގޯލާއެކު އެންވައިޖީން ކުރި ހޯދާފައިވަނިކޮށް އެންވައިޖީ ޢަބްދުލް ޖަލީލު އަތުން ބައިކޮޅަށް ވަތްގޯލާއެކު ނަތީޖާ ފަރަގު ކުޑަވިނަމަވެސް އަނެއްކާވެސް ބާޞިޠު ގޯލެއްޖަހާ ހެޓްރިކެއްހަދާ 5 ލަނޑު 3 ލަނޑަށް ނަތީޖާ ބަދަލުކުރިއެވެ. އެއިރު މެޗްގެ ބާކީ އޮތީ 2 މިނެޓެވެ. މިވަގުތު މުޅި ފަހުލަވާނު ޓީމު ކުރިޔަށްއަރާ ކުރިމަސައްކަތުން އަހުމަދު ސާޖިދުގެ ގޯލަކުން ފަރަގު ކުޑަކުރިއިރު ފަހުމިނެޓްގައި އަޙުމަދު ނަބީލުވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަކޮށް ފައިނަލުގެ ޖާގަ ފަހުލަވާނަށް ޔަޤީންކޮށް ދީފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެންވައިޖީގެ ޢަބްދުލް ބާޞިޠުއެވެ.
ރޭކުޅެވުނު ފުރަތަމަ މެޗްގައި ވައިޕާރސްއާއި ސިއްސުވާލި ވާދަކޮށް 6 ލަނޑު 2 ލަނޑުން މެޗްކާމިޔާބުކުރީ ވައިޕާރސްއެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވައިޕާރސްއަށް 4 ލަނޑު ކާމިޔާބުކޮށްދިން އަޙުމަދު ޒާހިރު (ޓޫޓީ)އެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި އެސްޖީސީއާއި 3 ހަރުގެ ވާދަކުރިމެޗް އެސްޖީސީގެ ސާޖިދު އަޙުމަދު ޖެހި 12 ގޯލާއެކު 15 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ އެސްޖީސީއެވެ. މޮޅު ކުޅުންތެރިޔަކަށް ސާޖިދު ހޮވުނުއިރު މުބާރާތުގެ ލަނޑު ލިސްޓްގެ ކުރީގައި މިވަގުތު 20 ގޯލާއެކު ހުރީވެސް ސާޖިދުއެވެ. ސާޖިދުގެ ފަހަތުން 16 ގޯލާއެކު 2 ވަނައިގައި އޮތީ ފަހުލަވާނުގެ ޢާދިލް ޢަލީއެވެ.
މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ. ހަމައެކަނި ނިލަންދޫގެ ރަށްވެހިންނަށާއި ނިލަންދޫގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މިމުބާރާތުގެ ޗެމްޕިއަންޓީމަށް 8000 ރުފިޔާގެ ފައިސާގެ ފައިސާގެ ޢިނާމެއް ވަނީ ކަނޑައެޅިފައެވެ. އަދި މިމުބާރާތަކީ ރަށްވެހި ގްރޫޕާއި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ ގުޅިގެން ކުރިޔަށްގެންދާ ފުޓްސަލް މުބާރާތެކެވެ.
މުބާރާތުގެ މެއިން ސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރއަކީ އަލަނާސި ކެފޭ އެންޑް ބިސްޓްރޯވއާއި ނިލަންދޫ އިޖުތިމާޢީ މަރުކަޒެވެ.
F.Nilandhoo