News
ކުރިއަރަމުން އަންނަ ޒުވާން މިޑްފީލްޑަރު އައިސަމް މާޒިޔާ އަށް
6 ޖެނުއަރީ 2020
މި ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދައްކައި ގައުމީ ޓީމުން ޖާގަ ހޯދި ހުނަރުވެރި ޒުވާން މިޑްފީލްޑަރު އިބްރާހިމް އައިސަމް މާޒިޔާ އަށް ސޮއިކޮށްފި އެވެ.
މާޒިޔާއިން އަންނަނީ ކުރިޔަށް އޮތް އޭފްސީ ކަޕަށް އެޓީމް ވަރުގަދަ ކުރަމުންނެވެ. އައިސަމް، 22، މާޒިޔާ އަށް ބަދަލުވީ ތިން އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންކަމަށް މާޒިޔާ އިން ވަނީ ބުނެފައެވެ. އޭނާ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މާޒިޔާ އަށް ސޮއިކުރި ދެ ވަނަ ކުޅުންތެރިޔާ އެވެ. އަފްގާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު ޝާރިފް މުހައްމަދު ވެސް ވަނީ މާޒިޔާ އަށްސޮއިކޮށްފައެވެ.
ޒުވާން އެހެން ކުޅުންތެރިންނާ ބަލައި އައިސަމް އަކީ މިވަގުތު ލީގުގައި ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އީގަލްސް އިން 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ހިމެނުނު އައިސަމް ވަނީ އެ ޓީމާ އެކު ޔޫތު މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ. އައިސަމް އަށް އެންމެ ފުރަތަމަ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިންް ފުރުސަތު ލިބުނީ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރަށުން ބޭރުގައި ގުއާމް އަތުން 1-0 އިން މޮޅުވި މެޗުގަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ ގައުމީ ޓީމް ކުޅޭ ހުރިހާ މެޗަކުން ޖާގަ ހޯދަމުންނެވެ.
މާޒިޔާ މި ވަގުތު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމުން ވަނީ މިހާތަނަށް ކުޅުނު 16 މެޗުން 41 ޕޮއިންޓް ހޯދައިފަ އެވެ.
މާޒިޔާ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ކުޅޭނީ ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ރަނަރަޕް އަބަހާނީ ލިމިޓެޑް ޑާކާއާ އެވެ. އަންނަ މަހު 5 ވަނަ ދުވަހު ޑާކާގައި އަދި 12 ވަނަ ދުވަހު މާލޭގައި ކުޅޭ ދެ ލެގުން ކުރި ލިބިއްޖެ ނަމަ މާޒިޔާ އަށް ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ. ޕްލޭއޮފުގައި މާޒިޔާ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑީ އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީއާ އެވެ.
DPL2019-20 Maziya Sports and Recreation Club