News
ފ. ނިލަންދޫ: އެސް.ޖީ.ސީ އިން ފަހު ވަގުތު ފަހުލަވާނު ހިފަހައްޓައިފި
6 ޖެނުއަރީ 2020
ފ.ނިލަންދޫގައި މީލާދީ އާއަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން ކުރިޔަށް ގެންދާ ބީއެމްއެލް ރަށްވެހި ނިއުއިޔާރ ފުޓްސަލް ޗެލެންޖް 2020 ގައި ިއއްޔެ ކުޅެވުނު މެޗްތަކުގެ ތެރެއިން އެންމެ ފޯރިގަދަ ކުޅުމެއް ފެނުނު މެޗް އެސް.ޖީ.ސީން ފަހު ވަގުތު ފަހުލަވާނު މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. މެޗް ނިމުނީ 3 ލަނޑު 3 ލަނޑުން 2 ޓީމެ އެއްވަރުވެގެންނެވެ.
ރޭ ކުޅެވުނު ފުރަތަމަ މެޗްގައި މި 2 ޓީމު ބައްދަލުކުރިއިރު 2 ޓީމުންވެސް ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައެވެ. ރޭގެ މެޗް ފަށައިގެން ފުރަތަމަ ކުރި ހޯދީ ޢާދިލް ޢަލީގެ ގޯލުން ފަހުލަވާނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެސްޖިސީގެ ސާޖިދު އަޙުމަދު 2 ގޯލް ކާމިޔާބުކޮށް އެސްޖީސީ ކޮޅަށް ނަތީޖާ އަނބުރާލިއެވެ. ގިނަ ޢަދަދެއްގެ ސަޕޯޓަރުންގެ ތަރުޙީބާއެކު ކުޅުނު މިމެޗުގެ ފަހުހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ފަހުލަވާނުގެ ޓީމުން ވަނީ ގާތްގާތުގައި 2 ގޯލް ޖަހައި އަނެއްކާވެސް އެސްޖީސީގެ މައްޗަށް ކުރިހޯދާފައެވެ. މި 2 ގޯލްވެސް ކާމިޔާބުކޮށްދިނީ ފަހުލަވާނުގެ އަޙުމަދު ފަޒާލްއެވެ. މިނަތީޖާއިން މެޗް ނިމެންދަނިކޮށް ފަހު މިނެޓުގައި އެސްޖީސީ ސަލާމަތްކޮށްދިނީ އެޓީމުގެ އަކުރަމް އިސްމާޢީލްއެވެ. މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ އެސްޖިސީގެ ސާޖިދު އަޙުމަދު އިބްރާހިމްއެވެ
މުބާރާތުގެ އިއްޔެ ކުޅެވުނު ފުރަތަމަ މެޗްގައި ވައިޕާރސް އެފްސީއާއި ވާދަކޮށް ފަހުލަވާނު މޮޅުވީ 4 ލަނޑު 0 ލަނޑުންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފަހުލަވާނު ޓީމަށް 2 ގޯލް ކާމިޔާބުކޮށްދިން އަޙުމަދު ޢާޞިމް (ޢާޞިމްބެ)އެވެ. 2 ވަނަ މެޗްގައި އެފްސީ ސިއްސުވާލީއާއި 3 ހަރުގެ ވާދަކޮށް ފޯރިގަދަ ކުޅުމަކަށްފަހު ސިއްސުވާލި މެޗް ކާމިޔާބުކުރީ 6 ލަނޑު 4 ލަނޑުންނެވެ. 3 ހަރުގެއިން ކުރިން ކުޅުނު 2 މެޗްގައި ބައިކޮޅަށް ގިނަ ގޯލްތަކެއް ވަދެފައިވީ ނަމަވެސް މިމެޗްގައި އެޓީމުންވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިއްސުވާލި ޓީމަށް 3 ގޯލް ޖަހާ ހެޓްރިކެއް ހެދި އަޙުމަދު ޝިފާޒުއެވެ. ރޭކުޅެވުނު ފަހު މެޗްގައި އެންވައިޖީ އާއި ސިއްސުވާލި ވާދަކޮށް 5 ލަނޑު 0 ލަނޑުން މެޗް ކާމިޔާބު ކުރީ އެންވައިޖީއެވެ. މޮޅުކުޅުންތެރިޔަކަށް ހޮވުނީ އެންވައިޖީގެ ސައްދާމު ޙުސައިންއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅެންޖެހޭ ފަހުމެޗްތައް މާދަމާއާއި މާދަމާރޭ ކުޅެވޭނެއެވެ. މާދަމާ ކުޅެވޭ މެޗްތަކުގެ ތެރެއިން އެންމެ ފޯރިގަދަވެގެންދާނީ މާދަމާ ހަވީރު ކުޅެވޭ 2 ވަނަ މެޗެވެ. އެމެޗްގައި ބައްދަލުކުރާނީ ސްޕޯޓްސް ކްލަބް ފަހުލަވާންއާއި ނިލަންދޫ ޔަންގް ޖެނެރޭޝަން އެވެ. މިމެޗުން ކޮންމެ ޓީމެއް މޮޅުވިނަމަވެސް އެޓީމަކަށް ފައިނަލްގެ ޖާގައެއް ކަށަވަރުވާނެއެވެ. މެޗް އެއްވަރުކޮށްލައިގެންވެސް ފަހުލަވާނަށް ފައިނަލްގެ ޖާގައެއް ކަށަވަރުކުރެވޭނެއެވެ.
ހަމައެކަނި ނިލަންދޫގެ ރަށްވެހިންނަށާއި ނިލަންދޫގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މިމުބާރާތުގެ ޗެމްޕިއަންޓީމަށް 8000 ރުފިޔާގެ ފައިސާގެ ފައިސާގެ ޢިނާމެއް ވަނީ ކަނޑައެޅިފައެވެ. އަދި މިމުބާރާތަކީ ރަށްވެހި ގްރޫޕާއި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ ގުޅިގެން ކުރިޔަށްގެންދާ ފުޓްސަލް މުބާރާތެކެވެ.
މުބާރާތުގެ މެއިން ސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރއަކީ އަލަނާސި ކެފޭ އެންޑް ބިސްޓްރޯވއާއި ނިލަންދޫ އިޖުތިމާޢީ މަރުކަޒެވެ
F.Nilandhoo