News
ނިލަންދޫ ފުޓްސަލް މުބާރާތުގައި އެސް.ޖީސީ އާއި އެސް.ސީ.އެފް ފަސްބެލުމެއްނެތި ކުރިޔަށް
5 ޖެނުއަރީ 2020
ފ.ނިލަންދޫގައި މީލާދީ އާއަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން ކުރިޔަށް ގެންދާ ބީއެމްއެލް ރަށްވެހި ނިއުއިޔާރ ފުޓްސަލް ޗެލެންޖް 2020 ގައި އިއްޔެވަނީ 4 މެޗް ކުޅެވިފައެވެ.
އިއްޔެ ކުޅެވުނު 4 މެޗާއެކު މުބާރާތުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ އޮތީ ސްޕޯރޓްސް ކްލަބް ފަހުލަވާނު (އެސް.ސީ.އެފް) އާއި ސުޕަރ ޖެނެރޭޝަން ކްލަބް (އެސް.ޖީ.ސީ)އެވެ.
އިއްޔެ ހަވީރު ކުޅެވުނު ފުރތަމަ މެޗުގައި ވައިޕާރސް އެފްސީ އާއި ވާދަކޮށް އެސްޖީސީ މޮޅުވީ ފަސޭހަކަމާއެކު 7 ލަނޑު 0 ލަނޑުންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސްޖީސީގެ ކެޕްޓަން ޢުބައިދު އިސްމާޢީލެވެ.
ހަވީރުގެ 2 ވަނަ މެޗުގައި ނިލަންދޫ ޔަންގް ޖެނެރޭޝަން (އެން.ވައި.ޖީ)އާއި 3 ހަރުގެ ވާދަކޮށް ބޮޑުތަފާތަކުން މެޗް ކާމިޔާބު ކުރީ އެން.ވައި.ޖީއެވެ. 21 ލަނޑު 1 ލަނޑުން އެން.ވައި.ޖީ ކާމިޔާބުކުރި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެން.ވައި.ޖީ ޓީމުގެ އަޙުމަދު ޢަލީއެވެ. މުބާރާތުގައި ރޭ ކުޅެވުނު ފުރަތަމަ މެޗުގައި އެފްސީ ސިއްސުވާލިއާއި އެސް.ސީ.އެފް ވާދަކުރި މެޗް 10 ލަނޑު 2 ލަނޑުން ކާމިޔާބު ކުރީ އެސް.ސީއެފް އެވެ. ޓީމުގެ މުހިންމު ކުޅުންތެރިޔާ އަޙުމަދު ނަބީލު ނުލައި ކުޅުނު މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ އަޙުމަދު ފަޒާލްއެވެ.
ރޭ ކުޅެވުނު 2 ވަނަ މެޗަކީ މުބާރާތުގައި މިހާތަނަށް ހުރިހާ ގޮތަކުންވެސް ކުޅެވުނު އެންމެ ފޯރިގަދަވެގެން ދިޔަ މެޗްކަން ފާހަގަކޮށްލަންޖެހެއެވެ. ނިލަންދޫ ޔަންގް ޖެނެރޭޝަން (އެންވައިޖީ) އާއި ސުޕަރ ޖެނެރޭޝަން ކްލަބް (އެސްޖީސީ) ވާދަކުރި މެޗްގައި 2 ޓީމުގައިވެސް ރަށުގައި ތިބި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު މެޗް ނިމިގެން ދިޔުމަށްފަހުވެސް ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހުނު އެތައްވަގުތެއް ދިޔައެވެ. ގިނަ ޢަދަދެއްގެ ސަޕޯޓަރުންގެ ތަރުޙީބާއެކު ކުރިޔަށްދިޔަ މެޗް ފެށުނީއްސުރެ 2 ޓީމުންވެސް ދިޔައީ ފިޒިކަލް ގޭމެއްކުޅެމުންނެވެ.
ނަތީޖާއެއްގެ ގޮތުން ރަތްކާޑަކާއެކު ޖުމުލަ 5 ރީދޫކާޑު ފެނިގެން ދިޔަ މިމެޗް 3 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ އެސްޖީސީއެވެ. އެސްޖީސީގެ 3 ލަނޑުވެސް ކާމިޔާބުކޮށްދިނީ މުބާރާތުގައި މިހާތަނަށް މޮޅުކުޅުމެއް ދައްކަމުން އަންނަ އެޓީމުގެ ސާޖިދު އަޙުމަދު އިބްރާހިމެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ސާޖިދުއެވެ.
އެންވައިޖީ ޓީމުގައި ދިވެހި ޕްރެމިއަރ ލީގުގައި ވާދަކުރާ ނިލަންދޫ ޓީމަށް ނިސްބަތްވާ 4 ކުޅުންތެރިއެއްގެ އިތުރުން ރަށުގެ ނިސްބަތުން ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިންތަކެއް ހިމެނޭއިރު އެސްޖީސީގައިވެސް ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބިކަން ފާހަގަކޮށްލެވެއެވެ. 6 ޓީމުގެ މެދުގައި ލީގު އުޞޫލުން ކުރިޔަށް ގެންދާ މިމުބާރާތުެ 4 މެޗެއް މިއަދުވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ހަމައެކަނި ނިލަންދޫގެ ރަށްވެހިންނަށާއި ނިލަންދޫގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މިމުބާރާތުގެ ޗެމްޕިއަންޓީމަށް 8000 ރުފިޔާގެ ފައިސާގެ ފައިސާގެ ޢިނާމެއް ވަނީ ކަނޑައެޅިފައެވެ.
އަދި މިމުބާރާތަކީ ރަށްވެހި ގްރޫޕާއި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ ގުޅިގެން ކުރިޔަށްގެންދާ ފުޓްސަލް މުބާރާތެކެވެ. މުބާރާތުގެ މެއިން ސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރއަކީ އަލަނާސި ކެފޭ އެންޑް ބިސްޓްރޯވއާއި ނިލަންދޫ އިޖުތިމާޢީ މަރުކަޒެވެ
F.Nilandhoo