News
މީލާދީ އާއަހަރަށް މަރުޙަބާ ކިޔުމަށް ނިލަންދޫގައި ފުޓްސަލް މުބާރާތެއް ފަށައިފި
4 ޖެނުއަރީ 2020
ފ.ނިލަންދޫގައި މީލާދީ އާއަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.
ނިލަންދޫ ރަށްވެހި ގްރޫޕާއި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ ޗއަދި އަލަނާސިކެފޭ އެންޑް ބިސްޓްރޯ ގުޅިގެން ބާޭންކް އޮފް މޯލްޑިވްސް ނިލަންދޫ ބްރާންޗާއި ނިލަންދޫ އިޖްތިމާޢީ މަރުކަޒުގެ އެހީތެރިކަމާއެކު މިމަހު 3 ވަނަ ދުވަހުގެރޭ ފެށި މިމުބާރާތުގައި ނިލަންދޫގެ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ބީއެމްއެލް ރަށްވެހި ނިއުއިޔާރ ފުޓްސަލް ޗެލެންޖް 2020 ފެށުމުގެ ގޮތުން ނިލަންދޫ ފުޓްސަލް ދަނޑުގައި ރޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢބްދުލް މުޙުސިން ޙަމީދެވެ.
މިރަސްމިއްޔާތުގައި ނިލަންދޫ މުއައްސަސާތަކުގެ އިސްވެރިންނާއި ކުޅިވަރަށް ލޯބިކުރާ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ. މުބާރާތް ފަށްޓަވައި ދެއްވުމުގެ ގޮތުން ޝަރަފްވެރި މެހެމާނު ދެއްކެވި ވާހަކަ ފުޅުގައި ނިލަންދޫއަކީ ފުޓްބޯޅައަށް ލޯބިކުރާ ގިނަޢަދަދެއްގެ ޒުވާނުން ތިބި ރަށެއްކަމަށާއި ނަތީޖާއެއްގެ ގޮތުން މިހާރުވެސް ދިވެހި ޕްރެމިއަރލީގުގައި ނިލަންދޫ ތަމްޘީލު ކުރަމުންދާކަން އުފަލާއެކު ފާހަގަ ކުރެއްވިއެވެ.
އަދި ކޮންމެ ކުއްޖެއްގެވެސް އަމާޒަކަށް ހަދަންވީ މިފަދަ މުބާރާތްތަކުން ލިބިގެންދާ ހުނަރުގެ ތެރެއިން މޮޅުކުޅުންތެރިއަކަށްވެސް މުސްތަޤްބަލުގައި ނިލަންދޫ ޓީމުގައި ހިމެނި ނިލަންދޫ ފަޚުރުވެރި ކުރުވާނެ ކުޅުންތެރިއަކަށް ވުމަށެވެ. މުބާރާތުގެ ފުރަތަމަ މެޗްގައި ވައިޕާރސް އެފްސީ އާއި ނިލަންދޫ ޔަންގް ޖެނެރޭޝަން ވާދަކޮށް 4 ލަނޑު 1 ލަނޑުން މެޗް ކާމިޔާބު ކުރީ ނިލަންދޫ ޔަންގް ޖެނެރޭޝަން އެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔަންގް ޖެނެރޭޥަންގެ ކެޕްޓަން ޢަބްދުލް ބާޞިޠުއެވެ.
2 ވަނަ މެޗްގައި އެފްސީ ސިއްސުވާލި އާއި ސުޕަރ ޖެނެރޭޝަން ކްލަބް (އެސް.ޖީ.ސީ) ވާދަކުރި މެޗް 10 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ އެސްޖީސީ އެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސްޖީސީގެ އަކްރަމް އިސްމާޢީލްއެވެ. ރޭކުޅެވުނު ފަހު މެޗްގައި 3 ހަރުގެ އާއި ސްޕޯރޓްސް ކްލަބް ފަހުލަވާނު (އެ.ސީ.އެފް) ވާދަކުރި މެޗް 24 ލަނޑު 1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ އެސްސީއެފްއެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސްސީއެފްގެ ޢާދިލް ޢަލީ އެވެ.
މިމެޗްގައި ވާދަކުރި 3 ހަރުގޭޓީމުގައި ހިމެނެނީ ރަށުގައި މަސައްކަތްކުރާ ރާއްޖެއިން ބޭރު ޑޮކުޓަރުންނާއި މަސައްކަތު މީހުންނެވެ. މުބާރާތުގެ ޤަވާޢިދު ބުނާ ގޮތުން ރަށުގައި ވަކިމުއްދަތަކަށް މެދުނުކެނޑި މަސައްކަތްކުރާ ފަރާތްތަކަށް ރަށްވެހިވެހިން ގޮތުގައި މުބާރާތުގައި ކުޅުމުގެ ފުރުޞަތު ލިބިގެންދެއެވެ. މީ ދޭސީއެއް ބިދޭސީއެއް ތަފާތުކުރުމެއްނެތި ހުރިހާ އެންމެނަށްވެސް ހަމަހަމައުޞޫލެއްގެ ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި އެއްވެސް މީހަކު ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުން ޤަވާޢިދުގައި ދެވިފައިވާ ފުރުޞަތެކެވެ.
3 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހަށް ކުރިޔަށް ގެންދާ މިމުބާރާތުގެ 4 މެޗެއް މިއަދުވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ. 6 ޓީމުގެ މެދުގައި ލީގު އުޞޫލުން ކުރިޔަށް ގެންދާ މިމުބާރާތުގައި ފައިނަލްގައި ވާދަކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެވެ. ހަމައެކަނި ނިލަންދޫގެ ރަށްވެހިންނަށާއި ނިލަންދޫގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މިމުބާރާތުގެ ޗެމްޕިއަންޓީމަށް 8000 ރުފިޔާގެ ފައިސާގެ ފައިސާގެ ޢިނާމެއް ވަނީ ކަނޑައެޅިފައެވެ.
އަދި މިމުބާރާތަކީ ރަށްވެހި ގްރޫޕާއި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ ގުޅިގެން މީލާދީ އާއަހަރަށް މަރުޙަބާ ކިޔުމަށް ބާއްވާ ފުޓްސަލް އެންމެ ފަހު މުބާރާތްކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. ރަށްވެހި ގްރޫޕާއި ޝަބާބުން ނިންމާފައިވަނީ ކުރިމަގުގައި މިމުބާރާތުގެ ބަދަލުގައި ކުރިޔަށް ފައިސާގެ ބޮޑެތި ޢިނާމުތަކާއެކު ފުޓްބޯޅަ މުބާރާތެއް ކުރިޔަށް ގެންދިއުމަށެވެ.
މިއަހަރު މިމުބާރާތް ބާއްވަން މިޖެހުނީ ނިލަންދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރިޔަށްދާތީ ދަނޑުގެ ބޭނުން ކުރެވޭނެ ގޮތެއް ނެތުމުން ރަށުގެ ޒުވާނުންނަށާއި ރަށުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވާދަވެރި މުބާރާތެއް ކުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސް ނިލަންދޫ ބްރާންޗެވެ. ކޯ ސްޕޮންސަރއަކީ އަލަނާސި ކެފޭ އެންޑް ބިސްޓްރޯވއާއި ނިލަންދޫ އިޖުތިމާޢީ މަރުކަޒެވެ.
F.Nilandhoo